20 ޖުލައި 2018 - 19:08

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ގަވަނިން ބޯޑަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ޕީއެސްއެމްގެ ގާނޫނު މިހާރު އޮންނަ ގޮތުން ޕީއެސްއެމްގެ ގަވަނިން ބޯޑަށް ބޭފުޅުން އައްޔަންކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ރައީސެވެ. ގާނޫނު މިހާރު އޮންނަ ގޮތުން އެ ބޯޑަށް އައްޔަން ކުރާނެ ބޭފުޅުންތައް ކަނޑައަޅައި، ރުހުން ހޯދުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
އެ ގާނޫނަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިސްލާހު ހުށަހެޅުއްވީ ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމުގެ ބަދަލުގައި ރައީސް އައްޔަން ކުރައްވާ މެމްބަރުން ތިއްބަވާ ޕްރައިވެޓައިޒޭޝަން ބޯޑަށް އެ ބާރު ދިނުމަށެވެ. އަދި ބޯޑުގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައެޅުމުގެ ބާރު ވެސް ޕްރައިވެޓައިޒޭޝަން ބޯޑަށް ދިނުމަށް އެ އިސްލާހު ހުށަހަޅާފައިވެ އެވެ.
ޕީއެސްއެމްގެ ބޯޑުގައި މިހާރު ހަތް މެމްބަރުން ތިއްބަވާ ނަމަވެސް، އެ އަދަދު ފަސް މެމްބަރުންނަށް ދަށް ކުރުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އަދި މިހާރު މެމްބަރުކަމުގެ ދައުރަކީ ހަތް އަހަރު ކަމަށްވިޔަސް، އެ ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ އެ މުއްދަތު ހަތަރު އަހަރަށް ކުޑަ ކުރުމަށެވެ. އެކަމަކު ހަތަރު އަހަރުގެ ދެ ދައުރު އެކަކަށް އަދާ ކުރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ ބުދަ ދުވަހު ފާސްކުރީ ބިލަށް މާ ބޮޑު ބަދަލެއް ގެނައުމެއް ނެތި ހުށަހެޅި ގޮތަށެވެ. އެ ބިލާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
އެ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެމްބަރު މުހައްމަދު އިސްމާއިލް އެ ބިލުގައި ފާހަގަ ކުރައްވާފައިވަނީ ޕީއެސްއެމްއަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ވާނެ ކަމަށް ޕީއެސްއެމްގެ ގާނޫނުގައި މިހާރު އޮތަސް، އެ ކުންފުނި އެކުލަވާލުމުގައްޔާއި ހިންގުމުގައި ކުންފުންޏާ ބެހޭ ގާނޫނާއި ޕްރައިވެޓައިޒޭޝަން ގާނޫނުގައި ބުނާ މުހިންމު ސިފަތައް ޕީއެސްއެމްގެ ގާނޫނުގައި މިހާރު ހިމެނިފައި ނެތުމުންނެވެ.