20 ޖުލައި 2018 - 17:16

ގާހިރާ (ޖުލައި 20) - މީގެ ދެ ހަފުތާ ކުރިން މިސްރުގެ އިސްކަންދަރިއްޔާ އިން ފެނުނު 2000 އަހަރުވީ ބޮޑު "ސަންދޯއް" ހުޅުވައިފި އެވެ.

ގްރެނައިޓުން ހަދާފައިވާ ބޮޑު ސަންދޯކުގައި ވަނީ ގްރީކުގެ ލީޑަރު އެލެގްޒެންޑާ ދަ ގްރޭޓް ކަމަށް އާކިއޮލޮޖިސްޓުން ކުރިން ލަފާކުރި އެވެ. ނަމަވެސް ސަންދޯއް ހުޅުވުމުން ވަނީ ތިން މީހެއްގެ ކަށިގަނޑު ފެނިފަ އެވެ. މުށި ކުލައިގެ ނަޖިސް ފެނެއް އޭގައި ހުއްޓެވެ.

ކޮންސްޓްރަކްޝަން ސައިޓަކުން ފެނުނު މި ބޮޑު ސަންދޯއް ހުޅުވުމަށް މިސްރުގެ އެންޓިކުއިޓީސް މިނިސްޓްރީން ވަނީ އާކިއޮލޮޖިސްޓުންގެ ޚާއްސަ ކޮމިޓީއެއް ހޮވައިފަ އެވެ.
މިސްރުގެ އަލް ވަތަން ނޫހުން ބުނީ އެ ޓީމުން އެންމެ ފުރަތަމަ ސަންދޯކުގެ މަތިގަނޑު ފަސް ސެންޓި މީޓަރު (ދެ އިންޗި) އަށް ހުޅުވާލުމާ އެކު ދުވި ވަހުން އެ މީހުންނަށް އެތާ ކެތްކުރެވޭ ވަރު ނުވި ކަމަށެވެ. އެންމެ ފަހުން އާކިއޮލޮޖިސްޓުންނަށް ޖެހުނީ މިސްރުގެ އަސްކަރީ އިންޖިނޭރުންގެ އެހީގައި ސަންދޯއް ހުޅުވާށެވެ.
"ސަންދޯއް ތެރޭން ވަނީ ތިން މީހެއްގެ ކަށިގަނޑު ފެނިފައި. ލަފާކުރެވޭ ގޮތުގައި އެއީ އެއް އާއިލާގެ ބައެއް،" މިސްރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ވަޒީރީ ވިދާޅުވި އެވެ.
ތަޖްރިބާކާރުން ބުނަނީ ސަންދޯކުގައިވާ ތިން މީހުންނަކީ ފިރުއަނުތަކުގެ ދުވަސްވަރުގެ ސިފައިންނަށްވުން އެކަށީގެންވާ ކަމަށެވެ. ސަބަބަކީ އެތަނުން އެކެއްގެ ބޮލުގެ ނާށިގަނޑަށް ދުންޏެއް ވަދެ ފަޅައިގެން ގޮސްފައިވާތީ އެވެ.
ބޮޑު ސަންދޯކުގެ އުސް މިނުގައި ދެ މީޓަރު (6.5 ފޫޓު) އަދި ދިގު މިނުގައި ތިން މީޓަރު ހުއްޓެވެ. ބަރުދަނުގައި 27 ޓަނު ހުއްޓެވެ. މިއީ ހަލާކު ނުވެ މި ގޮތަށް ފެނުނު އެންމެ ބޮޑު ސަންދޯކެވެ. އޭގައިވާ ކަށިގަނޑުތައް އިތުރަށް ދިރާސާކޮށް އެއީ ކޮން ޒަމާނެއްގައި އުޅުނު ބައެއްތޯ އާއި އެ މީހުން މަރުވެފައި ވަނީ ކިހިނެއްތޯ އާކިއޮލޮޖިސްޓުން ބަލާނެ އެވެ.