20 ޖުލައި 2018 - 15:00

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއްޔެ އިއުލާންކޮށްފި އެވެ.
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން މިމަހު ކުރީކޮޅު ވެސް އިއުލާން ކުރުމަށް ފަހު އަނެއްކާވެސް އެކަމަށް އިއުލާންކުރީ އެކަމަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން މިފަހަރު ފުރުސަތު ހުޅުވާލީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ފޯމް ހުށަހެޅުމަށެވެ. އެކަމަކު ކުރިން ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ވުމުގެ ޝަރުތަކީ 18 އަހަރު ފުރިފައިވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހަކަށް ނުވުމާއި އެއްވެސް ކެންޑިޑޭޓަކާ އާއިލީ ގޮތުން ގުޅުން ނެތުމާއި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމެވެ. އަދި ތައުލީމާއި ތަޖުރިބާ ހުރުމުގެ އިތުރުން ސިއްހީ ގޮތުން އެކަމަށް ގާބިލްވުމަކީ ވެސް ޝަރުތެކެވެ.
ވޯޓުލާ މަރުކަޒުގެ ވެރިންނަށް ހަމަޖައްސާ މީހުންނަށް ވޯޓުލާ ދުވަހު 1،500ރ. ގެ އުޖޫރައެއް ދޭއިރު، ވެރިޔާގެ އެހީތެރިންނަށް ހަމަޖައްސާ މީހުންނަށް ދޭނީ 1،200ރ. އެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ އެ ނޫން ފަރާތްތަކަށް 1،000ރ. ގެ އުޖޫރައެއް ދޭއިރު، ރިޒާވް އޮފިޝަލުންނަށް 500ރ. ގެ އުޖޫރައެއް ދޭނެ އެވެ.
އޮފިޝަލުންނަށް ހަމަޖައްސާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކަށް ތަމްރީނު ދިނުމަށް ފަހު އެވެ. މިފަހަރުގެ އިންތިޚާބުގައި 4،000 އަށް ވުރެ ގިނަ އޮފިޝަލުން ނަގާނެ އެވެ.