ފްލޮރިޑާ ގޮނޑުދޮށުން ބޮލި ހޮވި މީހަކު ޖަލަށް
ފްލޮރިޑާ ގޮނޑުދޮށުން ބޮލި ހޮވި މީހަކު ޖަލަށް

ފްލޮރިޑާ (ޖުލައި 20) - ފްލޮރިޑާގެ ކީ ވެސްޓަށް ޗުއްޓީއެއްގައި ޒިޔާރަތް ކުރި ޓެކްސަސްގެ އަންހެނަކު ގޮނޑުދޮށުން ބޮލިތަކެއް ހޮވުމުން ޖޫރިމަނާއަކާ އެކު ޖަލަށްލައިފި އެވެ.

ޑަޔާނާ ފިސްކަލް-ގޮންޒާލޭޒް، 30، ހައްޔަރު ކުރީ ފްލޮރިޑާ ފިޝް އެންޑް ވައިލްލައިފް (އެފްޑަބްލިއުސީ)ގެ އޮފިސަރުންނެވެ. އޭރު އޭނާ ވަނީ ކުޑަ ކުދިންތަކަކާ އެކު ގޮނޑުދޮށުން ބޮލިތަކެއް ނަގައިފަ އެވެ. އޭނާ ވަނީ ކޮންޗް ޝެލްގެ 40 ބޮލި ހޮވި ކަމަށް އެއްބަސް ވެފަ އެވެ. މިއީ ފްލޮރިޑާގައި ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.

ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ގާތު ފިސްކަލް-ގޮންޒާލޭޒް ބުނެފައި ވަނީ އެއީ ގޮނޑުދޮށުން ނެގުން މަނާ އެއްޗެއްކަން އޭނާ އަށް ނޭނގޭ ކަމަށެވެ. އެކަމަކު ފަނޑިޔާރު ވަނީ އޭނާ 500 ޑޮލަރުން ޖޫރިމަނާކޮށް 15 ދުވަހަށް ޖަލަށްލާން އަމުރުކޮށްފަ އެވެ. ފިސްކަލް-ގޮންޒާލޭޒް ވަނީ ކޯޓުގައި މައާފަށް އެދިފަ އެވެ. އަދި އޭނާ ބޮލި ހޮވީ އެ ބޮލިތައް ސާފުކޮށް ހަދިޔާގެ ގޮތުގައި ރައްޓެހިންނަށް ދޭން ކަމަށް ބުންޏެވެ.

އެފްޑަބްލިއުސީ އިން ބުނީ އެއްވެސް ބާވަތެއްގެ ދިރޭ ބޮލި ގޮނޑުދޮށުން ހޮވުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް މަރުވެފައިވާ ބޮއްޔެއް ނެގުމަކީ ކުށެއް ނޫން ކަމަށް ބުނެފައިވެ އެވެ.