20 ޖުލައި 2018 - 12:29

ރިއޯ ޑި ޖެނީރޯ (ޖުލައި 20) - ޕޭޝަންޓަކު މަރުވި ފަހުން ފިލައިގެން އުޅޭތާ ހަތަރު ދުވަސް ފަހުން ބްރެޒިލްގެ މަޝްހޫރު ޕްލާސްޓިކް ސާޖަން ޑރ. ޑެނިސް ފާޓާޑޯ ނުވަތަ މަޝްހޫރު ނަމުން ނަމަ ޑރ. ބުމްބުމް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑރ. ޑެނިސް ހައްޔަރު ކުރީ ރިއޯ ޑި ޖެނީރޯ އިން ކަމަށެވެ. ޑރ. ޑެނިސް ފިލީ އޭނާގެ ޕޭޝަންޓެއް ކަމަށްވާ ލިލިއަން ކަލިކްސްޓޯގެ ފޫކޮޅު ބޮޑު ކުރަން އިންޖެކްޝަނެއް ޖެހި ފަހުން ކަލިކްސްޓޯ މަރުވި ފަހުންނެވެ. ޑރ. ޑެނިސްގެ މައްޗަށް ވަނީ މީހަކު މަރާލުމުގެ ތުހުމަތު ކޮށްފަ އެވެ.
ތަހުގީގު ޓީމުން ބުނީ އުމުރުން 46 އަހަރުގެ ދެ ކުދިންގެ މަންމަ ކަމަށްވާ ކަލިކްސްޓޯގެ ޕްރޮސީޖާ ޑރ. ޑެނިސް، 45، ކުރިއަށް ގެންދިޔައީ ރިއޯގައި ހުންނަ ޑޮކްޓަރުގެ ގޭގައި ކަމަށެވެ. ކަލިކްސްޓޯގެ ހާލު ގޯސްވާން ފެށުމުން ޑރ. ޑެނިސް ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންގޮސް މާ ގިނައިރުތަކެއް ނުވަނީސް ކަލިކްސްޓޯ ވަނީ މަރުވެފަ އެވެ. އޭގެ ފަހުން ޑރ. ޑެނިސް ވަނީ ފިލައިފަ އެވެ.
ހައްޔަރު ކުރި ފަހުން ޑރ. ޑެނިސް ބުނެފައި ވަނީ އޭނާ މިހާތަނަށް ވަނީ 9،000 އަށް ވުރެ ގިނަ އޭގެ ޕްރޮސީޖާ ހަދާފައި ކަމަށާއި ކަލިކްސްޓޯގެ މަރަކީ "އެކްސިޑެންޓެއް" ކަމަށެވެ.
ފުލުހުން ވަނީ ޑރ. ޑެނިސްގެ ލޯބިވެރިޔާ އާއި އޭނާގެ މަންމަ ވެސް ހައްޔަރުކޮށްފަ އެވެ.
ރީޖަނަލް މެޑިކަލް ކައުންސިލް އޮފް ސްޓޭޓް އޮފް ރިއޯ ޑި ޖެނީރޯ އިން ބުނެފައި ވަނީ ކަލިކްސްޓޯގެ މަރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ބްރެޒިލްގެ ޕްލާސްޓިކް ސާޖަރީ ސޮސައިޓީން ބުނީ ޕްލާސްޓިކް ސާޖަރީ އަމިއްލަ މީހެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި ނުހެދޭނެ ކަމަށެވެ.