ޓުއާގައި ބައިވެރިވާން ސަންޗޭޒަށް ވިސާ ލިބިއްޖެ
ޓުއާގައި ބައިވެރިވާން ސަންޗޭޒަށް ވިސާ ލިބިއްޖެ

މެންޗެސްޓާ (ޖުލައި 20) – އެމެރިކާގައި ކުރިއަށްދާ މެންޗެސްޓާ ޔުނައިޓެޑުގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް އެ ގައުމަށް ދިއުމަށް ފޯވާޑް އެލެކްސިސް ސަންޗޭޒަށް ވިސާ އެންމެ ފަހުން ލިބިއްޖެ ކަމަށް ކްލަބުން ބުނެފި އެވެ.

ސަންޗޭޒަށް ވިސާ ނުލިބުނީ އޭނާ ސްޕެއިނުގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު ޓެކްސް އަށް މަކަރުހަދާފައިވާކަން ސާބިިތުވެފައިވާތީ އެވެ. އެމެރިކާ ގާނޫނު ބުނާ ގޮތުން އެފަދަ ކަމެއް ސާބިތުވެފައިވާ މީހަކަށް ވިސާ ނުދެވޭނެ އެވެ. އެކަމަކު ހާއްސަ ހުއްދައެއްގެ ދަށުން ވިސާ ހޯދަން ސަންޗޭޒްގެ ވަކީލުން އައީ މަސައްކަތްކުރަމުންނެވެ.

ކްލަބުގެ ތަރުޖަމާނަކު އިއްޔެ ދަ ގާޑިއަން އަށް ބުނީ ސަންޗޭޒްގެ ވިސާގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި އޭނާ ޓުއާގައި ބައިވެރިވުމަށް ވަރަށް އަވަހަށް އެމެރިކާ އަށް ފުރާނެ ކަމަށެވެ. ޓީމު ފުރުމުން ސަންޗޭޒް މިހާތަނަށް ތަމްރީން ހަދަމުން އައީ ކްލަބުގެ ޓްރެއިނިން ސެންޓަރުގައި ވަކިންނެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ގުޅުނު ސަންޗޭޒަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާތީ ރަނގަޅު ފެށުމަކުން ފެށުމަށްޓަކައި ޕްރީ ސީޒަނުގައި ފުރިހަމައަށް ބައިވެރިވުން އޭނާ އަށް ވަރަށް މުހިއްމެވެ.

ޕްރީ ސީޒަނުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ކްލަބް އެމެރިކާއާ ދެކޮޅަށެެވެ. މީގެ އިތުރުން ސެން ހޯސޭ އާތުކުއޭކްސް، އޭސީ މިލާން، ލިވަޕޫލް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ވެސް ޔުނައިޓެޑް ނުކުންނާނެ އެވެ.