ރެކޯޑް އަގެއްގައި އެލިސަން ލިވަޕޫލާ ގުޅިއްޖެ
ރެކޯޑް އަގެއްގައި އެލިސަން ލިވަޕޫލާ ގުޅިއްޖެ

ލިވަޕޫލް (ޖުލައި 20) – ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި އޭއެސް ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ 72.5 މިލިއަން ޔޫރޯ (84.4 މިލިއަން ޑޮލަރު) އަށް ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

ރޯމާ އާއި ލިވަޕޫލުން މީގެ ދެ ދުވަސް ކުރިން އެއްބަސްވުމަކަށް އައިސްފައިވާއިރު އެލިސަން ލިވަޕޫލަށް ސޮއިކުރީ އިއްޔެ މެޑިކަލް ޓެސްޓުން ފާސްވުމަށް ފަހު އެވެ.

"އަހަރެން ވަރަށް އުފާވެފައި މިހިރީ. އަބަދުވެސް ކާމިޔާބީ ހޯދާ މި ވަރުގެ ކްލަބެއްގެ މިހާ ޝަރަފްވެރި ޖާޒީއެއް ލުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން،" މި ފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ގޯލް ބެލެހެއްޓި އެލިސަން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިދިޔަ ސީޒަނުގައި އެލިސަން ވަނީ ލިވަޕޫލާ ދެކޮޅަށް ކުޅެފަ އެެވެ. އޭނާ ބުނީ ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި އޮތް ސަޕޯޓަރުންގެ ވަރުގަދަ މާހައުލަކީ މި ކްލަބަށް ބަދަލުވާން ނިންމި އެއް ސަބަބު ކަމަށާއި ކޯޗު ޔާގެން ކްލޮޕް ކުޅުވާ ސްޓައިލް ވެސް ކަމުދާ ކަމަށެވެ.

މީގެ ކުރިން އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ހުރީ 2001 ވަނަ އަހަރު ޕާމާ އިން ޔުވެންޓަސް އަށް 53 މިލިއަން ޔޫރޯ (61 މިލިއަން ޑޮލަރު) އަށް ބަދަލުވި އިޓަލީގެ ޖިއަންލުއިޖީ ބުފޮން އެވެ.

އެލިސަން އަކީ އާ ސީޒަނަށް ލިވަޕޫލާ ގުޅުނު ހަތަރު ވަނަ ކުޅުންތެރިއާ އެވެ. އަނެއް ތިން ކުޅުންތެރިންނަކީ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ އަދި ސްވިޒަލެންޑް ވިންގާ ޒެރްދާން ޝަގީރީ އެވެ. މި ޓްރާންސްފާތަކުގެ އަގު 200 މިލިއަން ޑޮލަރަށަށް އަރާއިރު މިދިޔަ ޖެނުއަރީ މަހު ވަނީ ރެކޯޑް އަގެއްގައި ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް 75 މިިލިއަން ޕައުންޑް (97 މިލިއަން ޑޮލަރު) ގަނެފަ އެވެ.

އެ ޓީމުން ގޯލްކީޕަރަކަށް ބޮޑު އިންވެސްޓެއް ކުރިއިރު މިހާރު ތިބި ޒުވާން ދެ ކީޕަރުންގެ އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ބެލްޖިއަމްގެ ސިމޮން މިގްނޮލޭގެ ބަދަލުގައި ޖަރުމަނުގެ ލޮރިސް ކާރިއަސް އަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފުރުސަތު ދިންއިރު އެ މެޗުން ރެއާލް މެޑްރިޑް ބަލިވި އެއް ސަބަބަކީ އޭނާ އަށް ހެދުނު ގޯސްތަކެވެ.

ބްރެޒިލްގެ އިންޓަނޭސިއަނަލް އިން 2013 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި އުމުރުން 25 އަހަރުގެ އެލިސަން ރޯމާ އަށް ބަދަލުވީ 2016 ގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެޒިލް ގައުމީ ޓީމަށް 31 މެޗު ކުޅެދީފައިވާ ކީޕަރު ނެތްތަން ފޫބެއްދުމަށް ރޯމާ އިން އަންނަނީ ޕީއެސްޖީގެ ފްރާންސް ގޯލްކީޕަރު އަރެއޯލާ އަލްފޮންސޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ.