އިތުރު 28 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ
އިތުރު 28 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނީ ހަތް ރިސޯޓެއްގައި ކަމަށް ކަނޑައެޅުމުން ޝަކުވާތައް ބޮޑުވެ އެކަން ބަދަލުކުރުމަށް ފަހު އިތުރު 28 ރިސޯޓެއްގައި ފޮށި ބަހައްޓަން ނިންމައިފި އެވެ.

ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި 87 ޕަސެންޓް މަދުކޮށް މިފަހަރު އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން އިލެކްޝަންސް ކޮމިޝަނަށް ވަނީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެހެންވެ އިލެކްޝަންސުން ފަހުން ވަނީ ވޯޓު ލާން 100 މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި ފޮށި ބަހައްޓާނެ ކަމަށް ބުނެފަ އެވެ.

އިލެކްޝަންސުން ރޭގެ ވަގުތެއްގައި ކުރި އިއުލާނުގައި ބުނީ އިތުރު 28 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން މިހާރު ނިންމާފައިވާ ކަމަށެވެ. މި ބަދަލާ އެކު، ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. މިއީ 2013ގެ ރިޔާސީ އިންތިހާބާ ބަލާއިރު އަދިވެސް ހަތް ފޮށި މަދު އަދަދެކެވެ.

ކޮމިޝަންގެ އިއުލާނުގައި ބުނީ އަލަށް އިތުރުކުރި ރިސޯޓްތަކުގެ ތެރެއިން ފޮށި ބަހައްޓާނީ ރީ-ރެޖިސްޓްރޭޝަނަށް ދީފައިވާ މުއްދަތުގައި މަދުވެގެން 100 މީހުން ރަޖިސްޓްރީކުރާ ފޮށިތައް ކަމަށެވެ.

ވޯޓުލުމަށް 100 މީހުންނަށް ވުރެ މަދުން ރަޖިސްޓަރީކުރާ ފޮށިތަކުގެ ރެޖިސްޓްރޭޝަން ބާތިލްކޮށް އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ އެވެ.

ޖޭއޭ މަނަފަރު، ލަކްސް ސައުތު އަރިއެޓޯލް، މޯލްޑިވްސް، ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ، ގިރިލަންކަންފުށި، ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް، ހުވަފެންފުށި ރިސޯޓު އެންޑް ސްޕާ، އަދާރަން ސިލެކްޓް ހުދުރަންފުށި، އަނަންތަރާ ކިހާވަށް ވިލާސް، ވައްކަރު މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް، ކޮކޯ ބޮޑު ހިތި، ކުޑަފުށި ރިސޯޓު އެންޑް ސްޕާ، އެޓްމޮސްފިއަ ކަނިފުށި މޯލެޑިވްސް، ބަރޮސް މޯލްޑިވްސް، ޗެވަލް ބްލޭންކް ރަންދެލި، ކްލަބް މެޑް ކަނިފިނޮޅު، ކޮކޫން މޯލްޑިވްސް، ކޮންސްޓަންސް ހަލަވެލި ރިސޯޓު، އަމާރި ހަވޮއްޑާ މޯލްޑިވްސް، ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް، ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ، ކަނުހުރާ، މިލައިދޫ އައިލެންޑް މޯލްޑިވްސް، އޯޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ، ނިޔަމަ މޯލްޑިވްސް އަދި ވަން އެންޑް އޮންލީ ރީތިރަށް

އިލެކްޝަންސުން ކުރިން ނިންމާފައި އޮތް ގޮތަށް ފާޑު ވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައި ވަނީ ރިސޯޓުތަކުގައި ވޯޓު ފޮށި މަދުކުރަން ކޮމިޝަނުން ނިންމީ އިސްލާހީ މަސައްކަތަށް ތާއީދުކުރާ މީހުންގެ ވޯޓު ހިފެހެއްޓުމަށް ކަމަށެވެ.

"17،000 ނުވަތަ 18،000 މީހުން އެބަ އުޅޭ ރިސޯޓުތަކުގައި. މީގެ ތެރެއިން ގިނަ މީހުންނަކީ އެމްޑީޕީއަށް ނޫން ނަމަ މި އިސްލާހީ މަސައްކަތަށް ތާއީދުކުރާ މީހުން. މިދިޔަ އިންތިހާބުތަކަށް ބަލާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 80 ޕަސެންޓަކީ އިސްލާހީ މަސައްކަތަށް، އަޅުގަނޑުމެންނަށް ތާއީދުކުރާ މީހުން. އެހެންވީމާ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަކީ އަޅުގަނޑުމެންނަށް ލިބޭނެ އެތައް ވޯޓެއް އުނިވެގެންދާނެ ކަމެއް،" އިބޫ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި ހިންގާ 120 ވުރެ ގިނަ ރިސޯޓުތަކުގައި ދިވެހި 18،000 ވަރަކަށް މީހުން މަސައްކަތް ކުރާއިރު އެންމެ ހަތް ރިސޯޓުގައި ފޮށި ބެހެއްޓުމުން 10،000 ވަރަކަށް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމުމުން ވެރިކަން ހިންގާ ޕީޕީއެމްގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަންތައް ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ. އިލެކްޝަންސްގެ ނިންމުން ބަދަލުކުރިކަން އިއުލާނުކުރީ ޕީޕީއެމުން ކަންބޮޑުވުން ފާޅުކުރުމާ އެކުއެކީގަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީ ކަރުދާގައި ފާހަގަ ޖަހައިދޭ ގޮތަށް ނިންމުމުން ވެސް އެ ކޮމިޝަނަށް އަންނަނީ ވަރަށް ބޮޑު ފާޑުކިޔުން އަމާޒުވަމުންނެވެ. ރާއްޖޭގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަފްތަރުގައި ރަޖިސްޓްރީކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 452 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.