19 ޖުލައި 2018 - 18:39

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މެދުގައި ނުނިމި އޮތް ބައިގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރަށް ވެސް ޖެއްސޭ ފެންވަރަށް ހަދާ ޒަމާނީ ރަންވޭގެ މެދަށް ވާ ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެތަނުގައި ހުރި ސީޕްލޭން ހެވީ މެއިންޓަނަންސް ހެނގަރު އެހެން ސަރަހައްދަކަށް ބަދަލުނުކުރެވިގެންނެވެ. ނަމަވެސް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކައިރީގައި ހަދާ ހެނގަރުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އާ ރަންވޭ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ. އެގޮތުން ރަންވޭގެ މެދުގައި ނުނިމި އޮތް ބައިގައި ސިމެންތި އާއި ހިލަވެއްޔާ އެކު އަޅާ ފަށަލައިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އާ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅާ މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ ފަހު ތާރު ފަށަލަން އަޅަން ފެށީ މިދިޔަ މަހުގެ 17 ގަ އެވެ. އެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ކުރިން އޮތީ ބުނެފަ އެވެ.
އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގެ ކުރިން ނިންމާލެވޭވަރުވާނެ އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.