19 ޖުލައި 2018 - 16:11

ނިއު ދިއްލީ (ޖުލައި 19) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަމާ ލޮކް ސަބާގައި ނަގަން ތައްޔާރުވެއްޖެ އެވެ.
މިއީ މޯދީގެ ހަތަރު އަހަރުވީ ސަރުކާރުގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓެވެ. އަދި މިއީ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ފަހުން، ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ ނަގާ އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓު ވެސް މެ އެވެ. ޕާލަމެންޓުގެ ދަށު ގޭގެ 535 މެންބަރުންގެ ތެރޭން އެ ފަހަރު ބީޖޭޕީ ވަނީ 312 ވޯޓުން ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި ބީޖޭޕީގެ 274 ވޯޓު ވެސް ހިމެނެ އެވެ.
މޯދީގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންކަމުގެ ތެރޭގައި ގޭންގް ހަމަލާތައް އިތުރުވުމާއި ދަލިތު ދަރިކޮޅު މީހުންނަށް ހަމަލާ ދިނުމާ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި ސަރުކާރު ނުކުޅެދުން ހިމެނެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓު 268 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ސަރުކާރު އިސްތިއުފާ ދޭން ޖެހޭނެ އެވެ. އެކަމަކު ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ މޯދީގެ ކޯލީޝަނަށެވެ.