ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް

ހަފުތާ ނިމުމަކަށް އައި އިރު، މި ހަފުތާ ތެރޭގައި ވެސް ބޮލީވުޑްގައި ވަނީީ މުހިއްމު ކަންތައްތަކެއް ހިނގައިފަ އެވެ. އޭގެ ތެރޭގައި ބައެއް ފިލްމްތަކުގެ ޓްރެއިލާތައް ދައްކާލައި، އާ ފިލްމްތަކެއް އިއުލާންކޮށް ޝޫޓިން ފަށައި އަދި ބައެއް ފިލްމްތައް ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފައި އެވެ.

އަންނަ މަހުގެ 31 ގައި ރިލީޒް ކުރަން އޮތް ޝާހިދު ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" ސެޕްޓެމްބަރު މަހުގެ 14 އަށް ފަސް ކުރުމަށް ފަހު، އަނެއްކާ ވެސް ތާރީހު މި ވަނީ ބަދަލުކޮށްފަ އެވެ. އެ ފިލްމް މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ.

"ބައްތީ ގުލް މީޓަރު ޗާލޫ" އަކީ ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ އިޖުތިމާއީ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ.

ބުޝަން ކުމާރް ޕްރޮޑިއުސްކޮށް، ނިކިލް އަދްވާނީ ޑައިރެކްޓް ކުރާ ފިލްމް "ބަޓްލާ ހައުސް" ގެ ޝޫޓިން ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ނިންމައިފި އެވެ. މި ފިލްމްގެ ބަތަލަކީ ޖޯން އަބްރަހަމް އެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރިތޭޝް ޝާހް އެވެ.

"ބަޓްލާ ހައުސް" ގައި ޖޯންއާ އެކު ބަތަލާގެ ރޯލް ކުޅޭނީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. މިއީ 2007 ގެ "ސަލާމޭ އިޝްގް" އަށް ފަހު، ނިކިލްއާ އެކު، ޖޯން މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.

ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ވަރަށް ހިނގި "ޕަރްމަނޫ" އަށް ފަހު، ޖޯން މިހާރު އަންނަނީ ރޮބީ ގެރެވާލްގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ސިއްދީގީ ބޭރުގެ ބަތަލާއަކާ އެކު ކުޅޭ ފިލްމްގެ ޝޫޓިން ފަށައިފި އެވެ. އިޓަލީގެ ރޯމްގައި މިހާރު މަންޒަރުތައް ނަގަމުން އަންނަ ފިލްމްގެ ބަތަލާއަކީ އިޓަލީގެ ބަތަލާ ވެލެންޓީނާ ކޯޓީ އެވެ.

އިރޯސް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ފިލްމްގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، މީގެ ޑައިރެކްޓަރަކީ "ޕާޗްޑް" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ތަނިޝްތާ ޗެޓަޖީ އެވެ. މިއީ އޭނާގެ އަލަތު ޑައިރެކްޝަނެވެ.

ނަވާޒުއްދީން އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އިންނެވެ. އޭގައި އޭނާ ކުޅެފައިވާ ނެގަޓިލް ރޯލްގައި ދައްކުވައި ދީފައިވާ މޮޅު އެކްޓިންގެ ސަބަބުން ބައެއް ކްރިޓިކުން ވަނީ ނަވާޒުއްދީނަކީ "އެކްޓް އޮފް ގޯޑް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.