02 އޯގަސްޓް 2016 - 06:43

ކެންސަރަކީ ދިރިއުޅުމުގެ އާދަތަކަށް އައި ބަދަލުތަކާ ގުޅިގެންނާއި ވިހަ މާއްދާތަކަށް އިންސާނުން ހުށަހެޅުން އިތުރުވެގެން ދިއުމުން ވަރަށް ފަހުން އުފެދުނު ބައްޔެއް ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބެލެވެން ފަށައިފި އެވެ. މިގޮތަށް ބެލެވެން ފެށީ މީގެ 1.7 މިލިއަން އަހަރު ކުރިން މަރުވެފައިވާ މީހެއްގެ ކަށިތައް ޓެސްޓުކުރި އިރު އެއީ ކެންސަރު ޖެހިފައިވާ މީހެއްކަން އެނގުމުންނެވެ.
ސައުތު އެފްރިކާގެ ޔުނިވަސިޓީ އޮފް ދަ ވިޓްވޯޓާސްޓްރޭންޑް އިން ސައުތު އެފްރިކަން ޖާނަލް އޮފް ސައިންސް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ގާތްގަނޑަކަށް މީގެ ދެ މިލިއަނެއްހާ އަހަރު ކުރިން މަރުވެފައިިވާ 12 ނުވަތަ 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑުން ކެންސަރު ޓިއުމަރެއް އުފެދެން ފެށުމުގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. މި ކުއްޖާގެ ފައިގެ އިނގިއްޔަކުން ވެސް ވަނީ ނުރައްކާތެރި ޓިއުމަރެއް ފެނިފަ އެވެ.
މީގެ ކުރިން ވަނީ 780000 އަދި 120000 އަހަރު ކުރީގެ ހަށިގަނޑުތަކުން ކެންސަރު ފެނިފަ އެވެ.
ނެޝަނަލް ޖިއޮގްރަފިކުން ބުނާ ގޮތުގައި ކެންސަރުގެ ވާހަކަ އެންމެ ކުރިން ދެއްކި ކަމަށް އެނގިފައި ވަނީ މިސްރުގެ ބޭސްވެރިއެކެވެ. އޭނާގެ ލިޔުންތަކުގައި "އުރަމަތީގައިވާ ގޮށެއް" ގެ ވާހަކަ އާއި އެއްވެސް ފަރުވާއަކުން އެ ރަނގަޅު ނުވާ ވާހަކަ ލިޔެފައިވެ އެވެ.
ދިރާސާގައި ބުނެފައި ވަނީ ޕޮލިއުޝަން އާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަމުގެ ސަބަބުން ނޫނަސް ހަށިގަނޑު ތެރޭގައި ކަންކަން ހަމައިން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ. މީގެ އެތައް މިލިއަން އަހަރެއް ކުރިން ވެސް އިންސާނުންގެ ހަށިގަނޑުގައި ޓިއުމަރު އުފެދުމަށް މެދުވެރިވެފައި ވަނީ އެހެންވެގެން ކަމަށް މި ދިރާސާގައި ވަނީ ބުނެފަ އެވެ.
"ކެންސަރު ޖެހުމުގެ ސަބަބުތައް ވަރަށް ކުރިން ވެސް އަހަރެމެންގެ ތެރޭގައި ހުރިކަން ދިރާސާއިން މި ވަނީ ހާމަވެފައި. އެކަމަކު ކެންސަރަކީ ވަރަށް ފަހުން އުފެދުނު ބައްޔެއް ކަމަށް ކުރެވޭ ހީއަކީ އޮޅުމެއް،" ދިރާސާގައި އިސްކޮށް ހުންނެވި ރެންޑޮލްފް-ކުއިނޭ ވިދާޅުވެފައިވެ އެވެ. "މިއީ ގަދީމީ ބައްޔެއް."
ތަޖުރިބާކާރުން ވިދާޅުވެފައި އިންސާނުންގެ އުމުރު ދިގުވަމުން ދިޔަ ވަރަކަށް ހަށިގަނޑުގެ ނިޒާމު އޮޅުންބޮޅުންވެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވާ ކަމަށެވެ.