ވަޒީފާ އަށް ދާން 32 ކިލޯމީޓަރު ހިނގި މީހަކަށް ހަދިޔާއަކަށް ކާރެއް ދީފި
ވަޒީފާ އަށް ދާން 32 ކިލޯމީޓަރު ހިނގި މީހަކަށް ހަދިޔާއަކަށް ކާރެއް ދީފި

މީހެއްގެ އަތުގައި ކޮންމެ ފަދަ ގޮތަކަށް ވެސް ނަސީބު ހިފައިފާނެ އެވެ. އެމެރިކާގެ ނިއު އޯލިއަންސް ސްޓޭޓްގައި ދިރިއުޅޭ ކާ ވޯލްޓާ، 20، އަކީ ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް ނަސީބެއް ލައްވައިލި ޒުވާނެކެވެ.

އޭނާ އަށް ވަޒީފާއެއް ލިބުނީ އަލަބަމާގެ ބެލްހޮޕްސް މޫވިން ކުންފުނިންނެވެ. މިއީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ.

ކާރު ހަލާކުވެފައި އޮތްކަން އެނގުނީ އަލަތު ވަޒީފާ އަށް ނުކުންނަން އޮތް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

އެހެންވެ ވޯލްޓާ ކުރި ކަމަކީ ހޯމަ ވިލޭރޭ ނުނިދައި، އޮފީހަށް ދާން ފައިމަގުގައި ނުކުތީ އެވެ. ރޭގަނޑު ދަންވަރު ނުކުމެގެން ނޫނީ ގަޑި ޖެހެންވާ އިރަކަށް އޭނާއަކަށް އޮފީހަކަށް ދެވޭކަށް ނެތެވެ. ކުލީ ޓެކްސީއެއްގައި ދިއުމުގެ ބަދަލުގައި އޭނާ ބޭނުންވީ ހިނގާފައި ދާށެވެ.

މަސައްކަތް ހަމަޖެހިފައި އޮތް ތަނާ ހަމައަށް ވޯލްޓާ އަށް ދެވެން އޮތީ ފައިމަގުގައި 20 މޭލު (32 ކިލޯމީޓަރު) ކަޑައްތުކޮށްގެންނެވެ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރަށް ހިނގުނު ފަހުން ފެލަމް ޕޮލިސް ޑިޕާޓްމަންޓްގެ ވެހިކަލަކަށް ވޯލްޓާ ފެނުނެވެ. އެހެންވެ ފުލުހުންގެ އެހީ ވެސް އޭނާ އަށް ލިބުނެވެ.

ނަސީބު ދިމާކުރި ގޮތުން އެ ދުވަހު ދާންޖެހޭ ކަސްޓަމަރުގެ ގެއާ ހަމައަށް ގަޑި ޖެހުމުގެ މާ ކުރިން ވޯލްޓާ މާ ކުރިން ފޯރި އެވެ. ގޭގެ ރަނގަބީލް ހެނދުނު 6:30 ގައި ޖެހި އަޑަށް ހޭލެވިގެން ޖެނީ ލަމޭ އާއި އޭނާގެ ފިރިމީހާ ދޮރު ހުޅުވި އިރު ހުރީ ވޯލްޓާ އެވެ.

އަންނަން އޮތް ގަޑިއަށް ވުރެ މާ ކުރިން އައުމުން އެ މީހުން އޭނާ ނިންދަވަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު ވޯލްޓާ ހުރީ އެއްވެސް ވަރުބަލި ކަމެއް ނެތް ގޮތަށް ހިނިތުންވެގެންނެވެ. އަދި ވޯލްޓާއާ ދެކެވުނު ވާހަކަތަކުގައި އޭނާގެ ހާލަތު ޖެނީގެ ދެމިފިރިންނަށް ކިޔައި ދިނެވެ.

ވޯލްޓާ ބުނި ގޮތުގައި މީގެ އަހަރުތަކެއް ކުރިން ހަރިކޭން ކެޓްރީނާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، ކުރިން ދިރިއުޅުނު ލޫސިއާނާ އިން ހިއުސްޓަން އަށް އާއިލާ ބަދަލުވާން މަޖުބޫރުވި އެވެ. އަދި އެކަމާ ގުޅިގެން ދިމާވި ހިތްދަތި ތަޖުރިބާތަކުގެ ވާހަކަތައް ވޯލްޓާ ހިއްސާކުރި އެވެ.

ވޯލްޓާގެ މި ވާހަކަތައް ޖެނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ވަޒީފާއަކަށްޓަައި ޒުވާނަކު ރޭގަނޑު ނިދި މަހުރޫމްކޮށްލައި، އެކަނިމާއެކަނި ހިނގި ހިނގުމަކީ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ސިފަކުރި އެވެ.

ނަތީޖާއަކަށްވީ ވޯލްޓާގެ ބޮސް އަދި ބެލްހޮޕްސްފެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ލޫކް މާކްލިން އަށް އޭނާގެ މުވައްޒަފުގެ ހާލަތާއި ކުރި ހިތްވަރު އެނގުމެވެ.

އޮފީހުގައި ވޯލްޓާ އެކު ކޮފީއެއްގައި ވާހަކަ ދައްކައި ލޫކް ހަވާލު ކުރީ ފޯޑް އެސްކޭޕް ކާރެއްގެ ތަޅުދަނޑި އެވެ. އެއީ ވޯލްޓާގެ ހިތްވަރު ފެނިފައި އެކަން އަގު ވަޒަން ކުރަން ލޫކް އަށް ފެނުނު އެންމެ މޮޅު ގޮތެވެ.

"މި ވަރުގެ ޑެޑިކޭޝަނެއް ވަޒީފާއަކަށް ދޭ ޒުވާނުން ލައިގެން ނޫނީ ގައުމު ކުރިއަކަށް ނުދާނެ،" ވޯލްޓާ އަށް ތައުރީފުކޮށް އޭނާ ބުންޏެވެ. "އަހަރެން މިހިރީ ހަމަ އަންތަރީސްވެފައި ވަޒީފާ އަށް އަންނަން ޒުވާނަކު އެތައް މޭލަކަށް ހިނގާފައިވާތީ. އެއީ އަޒުމެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަހަލަ ކަމެއް."

ހިނގާފައި ވަޒީފާ ދިއުމުން ހަދިޔާއަކަށް ކާރެއް ލިބުމުން އުފަލުން ގޮސް ފެންކަޅިވި ވޯލްޓާ ބުނި ގޮތުގައި އޭނާ ސާބިތުކޮށް ދޭން ބޭނުންވި އެއް ކަމަކީ ވަޒީފާ ވަރަށް ވެސް މުހިއްމު ކަމެވެ.

"އަހަންނަކީ އަބަދުވެސް ނުވާނެ ކަމެއް ނޯންނާނެ ކަމެއް ގަބޫލުކުރާ މީހެއް. ކަމެއް ކާމިޔާބު ކުރެވޭނީ ޗެލެންޖްތަކާ ވެސް ކުރިމަތިލައިގެން." މީޑިއާތަކަށް ވޯލްޓާ ބުންޏެވެ. "ކާރެއް އަހަންނަށް ހަދިޔާއަކަށް ލިބުނީ ވަޒީފާ އަހަންނަށް މުހިއްމު ވަރު ސާބިތުކޮށް ދެވުނީމަ."

އޭނާ އަށް މިހާރު ހަމައެކަނި މުޅިން އާ ކާރެއް ލިބުނީކީ ވެސް ނޫނެވެ. ހަލާކުވެފައި އޮތް ކާރު މަރާމާތު ކުރަން ގޯފަންޑްމީ ޕޭޖްގައި މިހާރު ވަނީ އޮންލައިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.