ބުފޮން އާއި ޑޮންނަރުއްމާ އެއް ޓީމަކަށް؟
ބުފޮން އާއި ޑޮންނަރުއްމާ އެއް ޓީމަކަށް؟

ޕެރިސް (ޖުލައި 19) – ޕީއެސްޖީގެ ގޯލްކީޕަރު އަލްފޮންސޭ އަރެއޯލާ އެ ކްލަބް ދޫކޮށް ރޯމާ އަށް ބަދަލުވެއްޖެ ނަމަ، އޭސީ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މާނައަކީ އިޓަލީގެ އެންމެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި އެ މަގާމަށް ދެން އަރަން ހުރި ޑޮންނަރުއްމާ އެ ޓީމަކަށް ކުޅެން ޖެހުމެވެ. މީގެ ތެރެއިން ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނީ ކޮން ކުޅުންތެރިއަކަށް ކަމާ މެދު ސުވާލު މިހާރު ވެސް ވަނީ އުފެދެން ފަށައިފި އެވެ. ޔުވެންޓަސް އަށް 17 އަހަރު ކުޅުނު ބުފޮން ކުޅުން ހުއްޓާލުމާ ދާދި ގާތުގައި ހުއްޓާ އުމުރުން 40 އަހަރުގައި ޕީއެސްޖީ އަށް ގެންދިޔަ އެންމެ ބޮޑު ސަބަބަކީ އޭނާގެ ތަޖުރިބާ އެވެ. އެ ޓީމުން މިދިޔަ އަހަރު ވެސް ހޯދަން މަސައްކަތްކުރި 19 އަހަރުގެ ޑޮންނަރުއްމާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި ޒުވާން ކީޕަރެވެ. މުސްތަގުބަލަށް ބަލާއިރު އޭނާގެ މުހިއްމުކަން ބޮޑެވެ. އޭނާ އަކީ، ބުފޮން ނެތްތަން ފޫބެއްދުމަށް ޔުވެންޓަސް އިން ވެސް ކުރިން ބޭނުންވި ކުޅުންތެރިއެކެވެ.

ފްރާންސާ އެކު ދާދި ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި އަރެއޯލާ ގެންދަން ރޯމާ އިން މަސައްކަތްކުރަނީ އެ ޓީމުގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ބަދަލުވާތީ އެވެ. އޭނާގެ ބަދަލުގައި ޑޮންނަރުއްމާ ގެންދަން ރޯމާ އިން ބޭނުންވި ނަމަވެސް އޭނާ ކިޔާ މުސާރަ ބޮޑުވުމުން އެކަން ހުއްޓުނީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑޮންނަރުއްމާ ގެންދަން މިދިޔަ ސީޒަނުގައި ޕީއެސްޖީން މަސައްކަތްކުރި ނަމަވެސް އޭރު މިލާނުން އެއްބަސްނުވީ އެވެ. އެކަމަކު މިހާރު އެ ޓީމަށް މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާ އާއި އަދި ބެންޗުގައި ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާ ހުރުމުން ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ.