20 ޖުލައި 2018 - 07:26

ކަލާޒް އިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ޓީވީ ސިލްސިލާ "އިޝްގް މޭ މަރްޖާވާ" ގެ ރޯލަކަށް މަޝްހޫރު ބަތަލާ ނިއާ ޝަރްމާ ސޮއިކޮށްފި އެވެ.
އޭނާ ކުރިން ވަނީ "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" އާއި "ޖަމާއީ ރާޖާ" ފަދަ މަގުބޫލު ސިލްސިލާތައް ކުޅެފަ އެވެ.
އަރްޖުން ބިޖްލާނީ އާއި އާލިޝާ ޕަންވަރު ލީޑް ރޯލް ކުޅޭ "އިޝްގް މޭ މަރްޖާވާ" އަށް ސޮއިކޮށް، ނިއާ މިހާރު ވަނީ އޭގެ ޝޫޓިން ވެސް ފަށައިފަ އެވެ. އޭނާ ފެންނަ ޕްރޮމޯއެއް ވެސް މިހާރު ކަލާޒުން އަންނަނީ ދައްކަމުންނެވެ.
ސިލްސިލާގައި ވަރުގަދަ ބޮޑު ރޯލެއް ކުޅެން ލިބުމުން އުފަލުން ހުރި ބަތަލާ ބުނި ގޮތުގައި އޭނާގެ ކެރެޓާއަކީ މީގެ ވާހަކައިގެ ވަރަށް މުހިއްމު ހިއްސާއަކަށް ވާނެ އެވެ. ނިއާ ބުނި ގޮތުގައި "އިޝްގް މޭ މަރްޖާވާ" ގައި އޭނާގެ ކެރެކްޓާ ތައާރަފުވެގެން އަންނަނީ މީގެ ޑަބަލް ރޯލަކުން ފެނިގެންދާ އާލިޝާ ކުޅޭ އަރޯހީގެ ކެރެކްޓާ އަށް ނިމުމާ އެކުގަ އެވެ.
"އާލިޝާއަކީ އާއި އަރްޖުންއަކީ ވަރަށް ކުރިއްސުރެ ވެސް ދަންނަ ދެ މީހުން. އެހެންވެ ވަރަށް ފަސޭހަ އެ މީހުންނާ އެކުގައ މަސައްކަތް ކުރަން،" މި ފަހުން ވިކްރަމް ބަޓް ގެނެސް ދިން ވެބް ސީރީޒް "ޓްވިސްޓެޑް" ގައި ބޯލްޑް ކެރެކްޓާއެއް ކުޅުނު ނިއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "އިޝްގް މޭ މަރްޖާވާ" ގައި ސެޓްގައި ވެސް މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެވެ.
"މިއީ މިހާތަނަށް އަހަރެން މަސައްކަތް ކުރި ސިލްސިލާތަކުގެ ތެރެއިން އެންމެ ހަމަހިމޭން ސެޓް." ނިއާ ބުންޏެވެ. "އަނެއްކޮޅުން އަހަންނަށް ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ."
ނިއާ، 27، ބުނި ގޮތުގައި ޓީވީ ސިލްސިލާތަކުން އޭނާ ގެއްލޭކަށް ބޭނުމެއް ނޫނެވެ. އެހެންވެ ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ކުޅެން ލިބޭ ނަމަ އަބަދު ވެސް ފެންނާނެ ކަމަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޓްވިސްޓެޑް" ގައި ދެއްކި ހުނަރާ އެކު، ވިކްރަމް އަށް ނިއާ ވަރަށް ބޮޑަށް ކަމުގޮސްފައިވާތީ، ބޮލީވުޑަށް ވެސް އޭނާ ތައާރަފުކޮށް ދޭނެ އެވެ.