19 ޖުލައި 2018 - 12:46

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައެޅި ބައި ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވަން މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް އިއްވަން މިއަދު މެންދުރު ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަށަވަރުކޮށްދެ އެވެ. އެކަމަކު ކެންސަލްކުރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބަޔަށް އަމަލު ކުރުން ފަސްކުރަން ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އަމުރުގައި އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކަމަށް ކަނޑައެޅި ފަހުން މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެފަދަ ގާނޫނެއް ހަދަން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ބުނެފައިވެ އެވެ.
ރައްޔިތުން އިންތިހާބު ކުރި ބަޔަކު މަޖިލިހަށް ނުވަދެވި އުޅޭތާ މިހާރު އަހަރެއް ވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންގެ ވަކިވަކި މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި ހުކުމެއް އަދި ނީއްވަ އެވެ.