20 ޖުލައި 2018 - 07:24

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް "ލިންކިން ޕާކް" އުފެއްދުމުގައި އިސްކޮށް އުޅުނު ލަވަކިޔުންތެރިޔާ މައިކް ޝިނޯޑާ މިދިޔަ އަހަރުން ފެށިގެން ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާ އަލުން އެ ބޭންޑާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބޭންޑްގެ ލީޑް ވޯކަލިސްޓް ޗެސްޓާ ބެނިންޓަން މަރުވިތާ މި މަހުގެ 20 އަށް އެއް އަހަރު ވެފައި ވާއިރު އެކަމުން ބޭންޑަށް ވަނީ އަސަރުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މައިކް އަލުން ބޭންޑާ ގުޅުމާ ދޭތެރޭ ވަކި ގޮތެއް ވަރަށް އަވަހަށް ނިންމާނެ އެވެ. އަދި "ލިންކިން ޕާކް" އާ އޭނާ ގުޅިއްޖެ ނަމަ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭންޑުން ފަށާ ޝޯތަކުން މައިކް ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ.
މިކަމާ ބެހޭ ގޮތުން ޔުނައިޓެޑް ރޮކް ނޭޝަން އަށް، 41 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަލުން ބޭންޑަކާ ގުޅިގެން ކުރިއަށް ދާނީތޯ ނޫނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި ހުންނާނީތޯ ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.
"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން ބޭނުން ވަނީ. އަހަންނަށް ހީވަނީ ލިންކިން ޕާކްގެ މެމްބަރުން އަހަންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ވަންޏާ އެ ފުރުސަތުގެ ބޭނުން ހިފުމަކީ ހަމަ އެންމެ ރަނގަޅު ކަމެއްހެން." "ޕޯސްޓް ޓްރޯމެޓިކް އީޕީ" ގެ ނަމުގައި، ތިން ލަވައެއް ހިމެނޭ އަލްބަމެއް މިދިޔަ ޖެނުއަރީގައި ގެނެސް ދިން މައިކް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސޯލޯ އާޓިސްޓެއްގެ ގޮތުގައި މިހާރު އާދެވިފައި ހުރީ ރަނގަޅު ހިސާބަކަށެވެ.
"ވަރަށް ގިނަ ފުރުސަތުތައް ވެސް އެބަ ލިބޭ ސޯލޯ އާޓިސްޓެއްގެ ގޮތުގައި ޕަފޯމް ކުރަން. އަހަރެން މިހާރު މި ހުރީ ވަރަށް އުފާވެރި ހިސާބެއްގައި. އެހެންވެ ބޭންޑަކާ އަލުން ގުޅުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން،" މައިކް ބުންޏެވެ.
"ޕޯސްޓް ޓްރޯމެޓިކް" މިހާރު ވަނީ މައިކްގެ ފުރަތަމަ ސޯލޯ އަލްބަމްގެ ގޮތުގައި ވެސް ނެރެފަ އެވެ.
މީގެ 22 އަހަރު ކުރިން އުފެދުނު "ލިންކިން ޕާކް" ގެ މެމްބަރުންގެ ތެރޭގައި މިހާރު ހިމެނެނީ ރޮބް ބޯޑަން، ބްރެޑް ޑެލްސަން، ޑޭވް ފެރެލް އަދި ޖޯއީ ހާން އެވެ.