19 ޖުލައި 2018 - 11:15

ގައުމީ މަންހަޖާ ގުޅޭ ސެމިނާރެއް ހދ. ކުޅުދުއްފުށީގައި މާދަމާ ބާއްވަން މަންދު ކޮލެޖުން ތައްޔާރުވެއްޖެ އެވެ.
ސެމިނާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަންދުގެ ޑެޕިއުޓީ ވައިސް ޗެއާ އެކަޑެމިކް ހަފީޒާ އަފީފް ވިދާޅުވީ، އެ ސެމިނާރަކީ ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ އެކި ރަށްރަށުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.
މެންދުރު ފަހު 2:00 އިން 6:00 އަށް ހިލޭ ބާއްވާ އެ ސެމިނާރުގައި ހއ، ހދ، އަދި ށ. އަތޮޅުގައި މަސައްކަތް ކުރާ ވީހާ ވެސް ގިނަ ޓީޗަރުން ބައިވެރިވުމަށް އެ ކޮލެޖުން އެދެ އެވެ.
މަންދު ކޮލެޖުން ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ސެންޓަރުގެ ނަމްބަރު 9524333 ނުވަތަ 9564333 އަށް ގުޅައިގެން ސެމިނާގައި ބައިވެރިވުމަށް ނަން ނޯޓު ކުރެވޭނެ އެވެ.
ހަފީޒާ ވިދާޅުވި ގޮތުގައި މަންހަޖަށް އަހުލުވެރިވުމަށް ޓީޗަރުންނަށް ގޮންޖެހުންތަކާ ދިމާވެ އެވެ. އެހެންވެ އެ ކަމަށް އަލިއަޅުވާލައި، މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެ ސެމިނާރުގައި އެހީތެރިވެދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މަންހަޖަށް އަހުލުވެރިވުމަށް ޓީޗަރުންނަށް ގޮންޖެހުންތަކާ ދިމާވޭ. އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަ ލިބޭ. އެހެންވެ، އެ ފީޑްބެކްތަކަށް ބެލުމަށްފަހު ސެމިނާ ބާއްވަނީ،" ހަފީޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެމިނާ ކުރިއަށް ދާ ވަގުތު، އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. މަންދުގެ ކޯސްތަކަށް ކުރިމަތިލައިގެން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
މިއީ އެ ކޮލެޖުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ސެމިނާރެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެހެން ސެމިނާރުތައް ބާއްވާނެ ކަމަށް ހަފީޒާ ވިދާޅުވި އެވެ.
މަތީ ތައުލީމް ފޯރުކޮށްދިނުމަށް އުފައްދާފައިވާ މަންދުން އަންނަނީ ކިޔަވައިދިނުމުގެ ދާއިރާއާ ގުޅޭ ކޯސްތަކުގެ އިތުރުން ރާއްޖޭގެ ވަޒީފާގެ މާހައުލާ ގުޅޭ މުހިއްމު ކޯސްތަކެއް ހިންގަމުންނެވެ.