01 އޯގަސްޓް 2016 - 12:35

މެންޗެސްޓާ (އޮގަސްޓް 1) - މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑް ބޭނުންވަނީ އެ ޓީމާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގުޅުނު މަޝްހޫރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއަކަށް ވާން ކަމަށް އޭނާ ބުނެފި އެވެ.
މިިދިޔަ ސީޒަނުގެ ފަހު މެޗުތަކުގައި އުމުރުން 18 އަހަރުގެ ރެޝްފޯޑް ވަނީ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. ޔުނައިޓެޑަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިންގްލެންޑު ސްކޮޑުން ރެޝްފޯޑަށް ވަނީ ފުރުސަތު ލިބިފަ އެވެ.
ރެޝްފޯޑަށް ޔުނައިޓެޑުގެ ޓީމުން ޖާގަ ދިނީ ކުރީގެ ކޯޗު ލުއީ ވެން ހާލް އެވެ. ވެން ހާލް އޭރު ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ރެޝްފޯޑް ޔުނައިޓެޑުގެ ތަރިއަކަށްވާނެ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމަށް ފަހު އިބްރަހިމޮވިޗް އެ ޓީމަށް ގެނައުމުން ރެޝްފޯޑަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އޭނާ ބުނީ ޓީމުން ޖާގަ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"އިބްރަހިމޮވިޗް އައުމުން އަހަންނަށް ކުރިން ޓީމުން ޖާގަ ލިބުނު ވަރަށް ލިބުމުގެ ފުރުސަތު ކުޑަވި ނަމަވެސް އެއީ މައްސަލައެއް ނޫން. އެއީ އިބްރަހިމޮވިޗް ފަދަ ކުޅުންތެރިން ކައިރިން ދަސްކޮށްގެން އަހަންނަށް މޮޅު ކުޅުންތެރިއަކަށް ވެވޭނެތީ. އިބްރަހިމޮވިޗް ކަހަލަ ކުޅުންތެރިއަކަށްވާން އަހަރެން ބޭނުން،" ރެޝްފޯޑް ބުންޏެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ގަލަސަތަރޭ އަތުން 5-2 އިން މޮޅުވެފަ އެވެ. ރެޝްފޯޑް ވަނީ މި ދެ މެޗުގައި ވެސް ކުޅެފަ އެވެ.
"މޮރީނިއޯ އަކީ މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ މޮޅު ކޯޗެއް. އޭނާގެ އިރުޝާދުގެ ދަށުން އަހަންނަން އެހެން ލެވެލަކަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް." ރެޝްފޯޑް ބުންޏެވެ.