20 ޖުލައި 2018 - 07:20
ޑްރޯންގެ އެކި ވައްތަރުތައް ހުރެއެވެ. ބާޒާރުގައި ނަން ހުސްކޮށް އެކި ބައްޓަމަށް، އެކި ވަރުވަރަށް، އެކި އަގުތަކާއި އެކި މަގުސަދުތަކުގައި އުފައްދާފައިވާ ޑްރޯންތައް ވިއްކަން އެބަހުއްޓެވެ. ސެލްފީ ނަގާހިތްވާ މީހުންނަށް އެންމެ ކަމުދާނީ ސެލްފީއަށް ހާއްސަ ޑްރޯނެއް ކަމަށް ގަބޫލުކުރެވެއެވެ. މިކަމަށް މިހާތަނަށް އެފެއްދި އެންމެ މަގުބޫލް ޑްރޯންއަކީ އެއާސެލްފީއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ވުޖޫދަށް އައި އެއާސެލްފީގެ ދެވަނަ ޖީލުގެ ޑްރޯން މިހާރު ގަންނަން ލިބޭނެއެވެ. މިފަހަރު މި ނުކުތް އެއާސެލްފީ2 އަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އެއާސެލްފީގެ ފުރަތަމަ ޑްރޯނަށްވުރެ ފައްކާ އެއްޗަކަށްވާނެއެވެ. ކެމެރާގެ ފެންވަރާއި މެމޮރީގެ ބާރާއި ބެޓެރީގެ ފަންވަރު ވެސް މިފަހަރު ގަދަވާނެއެވެ.
ފުރަތަމަ ނެރުނު އެއާސެލްފީގައި ހުންނަނީ 5 މެގަޕިކްސަލްގެ ކެމެރާއެކެވެ. މިފަހަރުގެ ނަމްބަރުގައި ކެމެރާގެ ބާރު ހުރީ 12 މެގަޕިކްސަލްގައެވެ. ކުރިއާ ޚިލާފަށް މިފަހަރުގެ އެއާސެލްފީ2ގައި ބެޓެރީގެ ބާރު 50 ޕަސެންޓް މަތިވާނެއެވެ. މީގެ ފުރަތަމަ އެއާސެލްފީގެ އެންމެ ބޮޑު ބަލިފަޔަކީ އުދުހެވޭ ވަގުތުކޮޅެވެ. އެއީ ހަތަރު، ފަސް މިނިޓެއްހާއިރެވެ. އެކަމަކު މިފަހަރުގެ އެއާސެލްފީ ނެރުނީ އެމައްސަލަ ހައްލުކޮށްފައެވެ. އަދި ސްޓޯރޭޖްގެ ޖާގަވެސް މިފަހަރު ހަތަރު ގުނަ ބޮޑުވާނެއެވެ. ފަހުގެ އެއާސެލްފީގައި ހުންނާނީ 16ޖީބީގެ ޖާގައެވެ.
އެއާސެލްފީ2 ވެސް މަސައްކަތްކުރާނީ މީގެ ބޭބެއެކޭ އެއްގޮތަށް ސްމާޓްފޯން އެޕަކުންނެވެ. ނަގާ ފޮޓޯތަކުގެ ޒާތުން ބޭނުން މޯޑެއް އިޚުތިޔާރުކުރެވޭނެއެވެ. އޭގެ ތެރޭގައި ސެލްފީ އާއި ފްލައިޓް ހިމެނެއެވެ. މި ޑްރޯނަށް ވައިގެ ތެރޭގައި އިރުކޮޅަކު މަޑުކޮށްލުމުގެ ކުޅަދާނަކަން ވެސް ލިބިފައިވެއެވެ. ފޮޓޯ ނަގާ ނިމުމުން އަތް ދަމާލާފައި ވައިގެ ތެރޭން މި ޑްރޯން "އުފުރާލަންވީ"އެވެ.
ފަހުން ނުކުތް އެއާސެލްފީގެ ބޮޑުމިނަކީވެސް ގާތްގަޑަކަށް 3 އިންޗި، 4 އިންޗިއެވެ. ބަރުދަނުގައި ހުންނަނީ 57 ގްރާމެވެ. އަދި 60 ފޫޓު އުހަށް އުދުހުމުގެ ގާބިލްކަން މިއަށް ލިބިފައިވެއެވެ.
އެއާސެލްފީ 2 ވިއްކަން ހުރީ ހަތަރު ކުލައަކުންނެވެ. އެއީ ރިހިކުލަ އާއި ރަންކުލަ އާއި ކަޅުކުލައާއި ރޯޒް ގޯލްޑެވެ. މީގެ ޑްރޯން މިހާރު އެމޭޒަންއިން އޮންލައިންކޮށް އޯޑަރުކުރެވޭނެއެވެ. އަގަކީ 199.95 އެމެރިކާ ޑޮލަރެވެ.