20 ޖުލައި 2018 - 07:24

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު، 2014 ގައި ރިލީޒްކުރި ޑެންމާކްގެ ފިލްމް "ސައިލެންޓް ހާޓް" ގެ ހޮލީވުޑްގެ ރިމެކިންއެއް، އޭ ލިސްޓް ތަރިންތަކަކާ އެކު ހަދަން ނިންމައިފި އެވެ.
"ބްލެކްބާޑް" ގެ ނަން ދީފައިވާ ފިލްމްގެ މައިގަނޑު ކާސްޓުންނަކީ ކޭޓް ވިންސްލެޓާއި ޑަޔަން ކީޓަންގެ އިތުރުން މިއާ ވަޒިކޯސްކާ އެވެ. މި ފިލްމްގައި ވިންސްލެޓާއި ކީޓަން ފެނިގެން ދާނީ މިއާގެ ދަރިންގެ ރޯލުންނެވެ.
"ސައިލެންޓް ހާޓް" އަކީ ނުރައްކާތެރި ބައްޔަކާ ހަނގުރާމަކުރާ މަޔަކާއި އޭނާގެ ދެ އަންހެން ދަރިންނާ ދެމެދު ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފެލިމީ ޑްރާމާއެކެވެ.
ބިލް އޮގަސްޓް ޑައިރެކްޓް ކުރި ފިލްމްގެ ހޮލީވުޑް ރިމެކިން މިލީނިއަމް ފިލްމްސް އިން ޕްރޮޑިއުސް ކުރާ އިރު، މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ނޮޓިން ހިލް (1999) އާއި މޯނިން ގްލޯރީ (2010) ފަދަ ހިތްގައިމު ފިލްމްތައް އުފެއްދި ރޮޖާ މިޝެލް އެވެ.
"ބްލެކްބާޑް" ގެ ސްކްރީންޕްލޭ ލިޔަނީ "ސައިލެންޓް ހާޓް" ވެސް ލިޔުނު ކްރިސްޓިއަން ޓޯޕް އެވެ.
ފިލްމްގެ ޝޫޓިން އަންނަ މަހު ލަންޑަންގައި ފަށަން ނިންމާފައިވާ އިރު، ސިނަމާތަކަށް ފިލްމް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ބްލެކްބާޑް" އަށް އޮސްކާ ހާސިލްކޮށްފައިވާ ވިންސްލެޓް ސޮއި ކުރި އިރު، އޭނާ މިހާރު އަންނަނީ ޖޭމްސްގެ ކެމެރެންގެ "އެވެޓާ" ގެ ސީކްއެލްގައި މަސައްކަތް ކުރަމުންނެވެ. "އެނީ ހޯލް" އިން އޮސްކާ ހާސިލު ކުރި ކީޓަން މިހާރު އަންނަނީ ކޮމެޑީ ފިލްމް "ޕޮމްސް" ގެ މަސައްކަތް ކުރަމުންނެވެ.
މިއާ މި ވަގުތު ބިޒީކޮށް އުޅެނީ "ޑެމްސެލް" ގެ މަސައްކަތުގަ އެވެ.
ރޮޖާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ރޮމޭންޓިކް ޑްރާމާ "މައި ކަޒިން ރެޗެލް" އެވެ.