މުހިންމު ފީޗާތައް ދޫނުކޮށް ޑްރޯންގެ އަގު ދަށަށް
މުހިންމު ފީޗާތައް ދޫނުކޮށް ޑްރޯންގެ އަގު ދަށަށް

ޑީޖޭއައިގެ މެވިކް މަރުކާގެ ޑްރޯންތަކަކީ މީހުންގެ ހިތް ލަންބުވާލިޔަސް އާންމުކޮށް ގަނެވޭ ވަރަށްވުރެ އަގުބޮޑު އެއްޗެކެވެ. ފައިކަށިތައް ލަންބާލުމާއި ކެމެރާގެ މޮޅުކަމާއި މި ނޫނަސް އިންޓެލިޖެންޓް އެތައް ސިފައެއްގެ ސަބަބުން މި ޑްރޯނަށް ޝައުގުވެރިކަން ބޮޑެވެ.

މި ބާވަތުގެ ޑްރޯންތަކުގައި ހުރި ގިނަ ސިފަތަކާއެކު ބާޒާރަށް ނުކުންނަން ތައްޔާރުވާ "އެއާލެންގޯ މިސްޓިކް" އަކީ މެވިކްއާ ދާދި އެއް ފާޑުގެ ސިފަތަކެއް ހުރި، އެކަމަކު އެއަށްވުރެ އަގުހެޔޮ ޑްރޯންއެކެވެ. އެކަނި އުދުހުމާއި، އިޝާރާތަށް އިޖާބަދިނުމާއި މޫނު ދެނެގަތުމާއި އަމިއްލައަށް ފޮޓޯ ނެގުން ފަދަ ކަންކަމުގެ ސަބަބުން މިއީ ބާޒާރުގައި ވިއްކަން ހުންނާނެ މި ފެންވަރުގެ އެންމެ އަގުހެޔޮ ޑްރޯނަށްވުން އެކަށީގެންވެއެވެ.

އެއާލެންގޯ މިސްޓިކް ޑްރޯންގެ އާޓިފިޝަލް އިންޓަލިޖެންސްގެ ހުރިހާ ސިފައެއް ބިނާވެފައިވަނީ މީގައި ހިމެނޭ ތްރީޑީ ފެންވަރުގެ ކެމެރާއަށެވެ. ވާފަށެއް ނުވަތަ ނަރުފަށަކާ ނުގުޅާ ގެންގުޅޭ އެހެން ޑްރޯންތަކާ ޚިލާފަށް އެއާލެންގޯ މަސައްކަތްކުރަނީ މި ކެމެރާއިން ފެންނަ މަންޒަރުތަކަށް ރިއާޔަތްކޮށްގެންނެވެ. މޫނު ދެނެގަންނަ ޓެކްނޮލޮޖީގެ އެހީގައި، މި ޑްރޯން ދުއްވާ މީހާ އަންގާ މަގުތަކުން ކުރިއަށްދާން މި ޑްރޯން މަސައްކަތްކުރެއެވެ. ނޫނީ އެމީހެއްގެ އަރިމަތިން މަންޒަރު ނެގޭނެ ކުޅަދާނަކަން ވެސް މި ޑްރޯނަށް ވަނީ ލިބިފައެވެ.

އެއާލެންގޯ މިސްޓިކް ޑްރޯންގެ ސަފާރީ މޯޑްގައި 200 މީޓަރު ދުރަށް ޕްރޮގްރާމްކޮށްފައި ފޮނުވާލުމުން އަމިއްލައަށް ފޮޓޯ ނަގާފައި އެނބުރި އާދެއެވެ. އިޝާރާތުން މަސައްކަތްކުރާތީ، ދުރުގައި ދަތުރުކުރާއިރު ވެސް މި ޑްރޯނަށް އަންގަން ބޭނުންވާ އެންގުންތައް އެންގޭނެއެވެ. މީގެ ބެޓެރީއަކީ ބަދަލުކުރެވޭ ބެޓެރީއެކެވެ. އެއްފަހަރުގެ ޗާޖުން 30 މިނިޓް އުދުހެވޭނެއެވެ. އަދި އެ ބެޓެރީ ނަގާފައި ޗާޖުކުރަން ހޭދަވާނީ 50 މިނިޓެވެ.

މިވަގުތު އެއާލެންގޯ މިސްޓިކް ޑްރޯންއަށް އޯޑަރު ދެވޭނެއެވެ. އަގަކީ 459 އެމެރިކާ ޑޮލަރެވެ.