އައިޑީ ކާޑުތަކުގެ މައުލޫމާތުތައް ހޯދާފައިވާ ކަމުގެ ތުހުމަތު ޕީޕީއެމަށް!
އައިޑީ ކާޑުތަކުގެ މައުލޫމާތުތައް ހޯދާފައިވާ ކަމުގެ ތުހުމަތު ޕީޕީއެމަށް!

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގައި ހުރި އާންމުންގެ ޒާތީ މައުލޫމާތުތައް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހޯދާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފަށައިފި އެވެ.

ޕީޕީއެމުން ޑީއެންއާރުގެ ޑޭޓާ ބޭސް ހޯދި ކަމަށް ތުހުމަތު ކުރެވެނީ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށާއި މުއްދަތު ހަމަވާން ގާތްވެފައިވާ ފަރާތްތަކަށް އެ ޕާޓީން ގުޅައި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ކާޑު ހެއްދުމަށް ހަނދާން ކޮށްދެމުންްދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވެ.

އެގޮތުން ޕީޕީއެމްގެ ކެމްޕެއިނުގެ ފަރާތުން ފޯން ކޯލެއް ލިބުނު އަމީން ޝަފީއު ބުނީ އޭނާ އަށް ގުޅައި އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެ މީހުން ގުޅާފައި ބުނީ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާތީ ކަމަށް ގުޅާލީ. ދެން އަޅުގަނޑު އެހިން ތިޔަ ގުޅީ ކޮން ފަރާތަކުންތޯ. ދެންނެވީ ޕީޕީއެމުން ކަމަށް،" އަމީން ބުންޏެވެ.

ނަމަވެސް ޕީޕީއެމްގެ ފަރާތުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ޕާޓީގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑައިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި އައިޑީ ކާޑު އާ ކުރުމަށް ގޮވާލަމުންދާ ކަމަށާއި ނަމަވެސް ވަކި މީހެއްގެ މައުލޫމާތު އެނގިގެން އެ މީހަކަށް ކެމްޕެއިނުގެ ފަރާތުން ނުގުޅާނެ ކަމަށެވެ.

"ކޮންމެ ކަހަލަ ތުހުމަތެއް ވެސް ކުރެވިދާނެ. އެކަމަކު އައިޑީ ކާޑު އާ ކުރުމަށް އަޅުގަނޑުމެން ކެމްޕެއިން ކުރަމުން މިދަނީ. ސޯޝަލް މީޑިޔާގައި ވެސް އަޅުގަނޑުމެން ދައްކާ ވާހަކައެއް މިއީ. އޭގެ ދަށުން އަޅުގަނޑުމެން މީހުންނަށް ގުޅައި މުއްދަތު ހަމަވެފައިވާ ނަމަ އައިޑީ ކާޑު އާ ކުރުމަށް ހަނދާންކޮށްދެން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމްގެ ފޯން ކޯލްތައް ލިބިފައިވާ ބައެއް މީހުން ބުނެފައި ވަނީ ޕާޓީން ވާހަކަ ދައްކާފައި ވަނީ އައިޑީ ކާޑުގެ މައުލޫމާތު އެނގިގެން ވާހަކަ ދައްކާ ފަދަ މޭރުމަކުން ކަމަށެވެ. ޕީޕީއެމް ކެމްޕެއިނުގެ ފޯނު ކޯލެއް ލިބުނު އެހެން މީހަކު ބުނީ އޭނާ އަށް ގުޅައި އޭނާގެ ކޮއްކޮގެ އައިޑީ ކާޑު މުއްދަތު ހަމަވެފައިވާތީ ކާޑު އާ ކުރުމަށް ވެސް ހަނދާންކޮށްދީފައިވާ ކަމަށެވެ.

"އަހަރެން ބުނިން މިހާރު ޕީޕީއެމުންހޭ އައިޑީ ކާޑު ހަދައިދެނީ. ގުޅި ކުއްޖާ ބުނީ އައިޑީ ކާޑު ހަދައެއް ނުދެމޭ އެކަމަކު ކެމްޕެއިނު ޖަގަހަށް ދިޔައީމަ ފޯމު ފުރައިދޭނެ ވާހަކަ ބުނި،" އުޅޭ ވަޒީފާގެ ގޮތުން ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

ޕީޕީއެމްގެ ފޯން ކޯލެއް ލިބުނު އިތުރު މީހަކު ބުނީ އޭނާ އަށް ވެސް އައިޑީ ކާޑު އާ ކުރުމަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.

"ފަހުން އަދި ގުޅާފައި ބުނީ އަހަރެން ކޮއްކޮގެ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާތީ އެ ކާޑު ވެސް އާ ކުރުމަށް. ކޮއްކޮ ރާއްޖެއިން ބޭރުގައި ހުންނާތީ އޭނާގެ ރާއްޖޭގެ ސިމަކަށް ނުގުޅޭނެ،" އޭނާ ބުންޏެވެ.

ސެޕްޓެމްބަރު، 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.