18 ޖުލައި 2018 - 23:22

ވިކްޓަރީ އަތުން 3-1 އިން މޮޅުވެ ކްލަބް އީގަލްސް އިން މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ފުރަތަމަ ތިން މެޗުން ދެ ޕޮއިންޓާ އެކު އޮތް އީގަލްސް ވަނީ މިރޭގެ މޮޅާ އެކު ފަސް ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. އަދި އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ކުރިން އެ މަގާމުގައި އޮތް ވިކްޓަރީ ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗަކުން މޮޅެއް ނުލިބި އުނދަގޫ ހާލަތެއްގައި އޮތުމުން މިރޭގެ މެޗަށް ނުކުތީ މޮޅުވާން މަޖުބޫރު ހާލަތެއްގައި އޮވެ ކަމަށެވެ.
"މިރޭ މޮޅުވުން އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ވެފައި އޮތީ. ކުޅުންތެރިން ވެސް ތިބީ ޕްރެޝަރުގައި މޮޅުވުމަށްޓަކައި. އަނެއްހެން ބުނަންޏާ މިރޭގެ މެޗަކީ މޮޅުވާން މަޖުބޫރު މެޗެއް،" މޯހަން ބުންޏެވެ.
ލީގު ޗެމްޕިއަންކަމަށް ވާދަކުރަނެ ކަމަށް ބެލެވިފައި އޮތް އީގަލްސްއާ އެއް ވަނައިގައި އޮތް ޓީސީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މޯހަން ބުނީ މި ވަގުތު ތާވަލާ މެދު ވިސްނަން ވެސް ބޭނުންނުވާ ކަމަށެވެ.
"މިހާރު އަމާޒަކީ މި ބުރުގައި ބާކީ ހުރި މެޗަކުން މޮޅުވުން. އޭގެ ފަހުން ޕޮއިންޓް ޓޭބަލް ބަލާލާނީ ވެސް،" މޯހަން ބުންޏެވެ.
މިރޭގެ މެޗުގައި އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ދެ ގޯލް ޖެހި އެވެ. ފުރަތަމަ ގޯލް އޭނާ ކާމިޔާބުކުރީ 18 ވަނަ މިނެޓުގަ އެވެ. އޭގެ ފަސް މިނެޓު ފަހުން އީގަލްސް އަށް ލީޑު ފުޅާކޮށްދިނީ ޑިކްސަން ޑެނިއަލް ލުއިސް އެވެ. މެދު ރޮނގާ ހަމައިން އޭނާ ބޯޅަ ހިފައިގެން ކުރިއަށް އަރައި ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
އެކަމަކު 31 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ލަނޑު ޖަހައި ވިކްޓަރީއަށް ތަފާތު ކުޑަކޮށްދިނެވެ. މެދުތެރެއިން އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ އައްމަޑޭ ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ބޯމަތިން ޖަހަ އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ވެސް އައްމަޑޭ އަށް ފުރުސަތު ލިބުނެވެ. އެކަމަކު ކިމް އެލްގާޑް ހުރަސް ކުރި ބޯޅަ އައްމަޑޭ ހަނި އޭންގަލުން ޖެހުމުން ދިޔައީ ގޯލް މަތިން ހުރަސްވެގެންނެވެ.
ހާފުގެ ފަހުކޮޅު އީގަލްސްގެ ރިޒޭ އަށް ވެސް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅަ ރިޒޭ ކޮންޓްރޯލްކޮށްލި ވަގުތު ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ކުރިއަށް ޖެހުނު ނަމަވެސް އެ ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.
ދެ ވަނަ ހާފުގައި ވިކްޓަރީން ނުރައްކާކުރަމުން ދިޔަ ނަމަވެސް 74 ވަނަ މިނެޓުގައި ރިޒޭ ގޯލް ޖަހައި އީގަލްސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ. ރިޒޭ ގޯލްޖެހީ ވިކްޓަރީގެ ކީޕަރު އިމްރާން އެއްލި ބޯޅަ އެ ޓީމުގެ އާދަމް އިޝާމަށް ކޮންޓްރޯލްނުވެ އީގަލްސް ކުޅުންތެރިންނަށް ލިބުމުން އުފެއްދި ހަމަލާގަައި އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައަކުންނެވެ.
ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ އެ ގޯލް އޮފްސައިޑް ކަމަށާއި އޭނާގެ ޓީމުން އެޓޭކްކުރަމުން ދަނިކޮށް އީގަލްސް އިން ޖެހި އެ ގޯލާ އެކު ފުރުސަތުތަކެއް ގެއްލިގެން ދިޔައީ ކަމަށެވެ. އެކަމަކު އީގަލްސް އަށް ލިބުނީ ހައްގު މޮޅެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"މޮޅަށް ކުޅުނު ޓީމު މޮޅުވީ. ތިން ވަނަ ގޯލް އޮފް ސައިޑް. އަހަންނަށް މިކަމެއް ނުވިސްނޭ. ކޮންމެ މެޗެއްގައި، ކޮންމެ މެޗެއްގައި ވިކްޓަރީ އަށް މިހެން މިވަނީ. އެކަމަކު އަހަރެން ދެރައެއް ނުވޭ،" ކިސް ބުންޏެވެ.