18 ޖުލައި 2018 - 23:27

އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް، މަދުވެގެން 100 ދިވެހިން މަސައްކަތްކުރާ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓަން މިރޭ ނިންމައިފި އެވެ.
އެ ކޮމިޝަނުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 100 ދިވެހި މުވައްޒަފުން މަސައްކަތްކުރާ ރިސޯޓުތަކުގެ ތެރެއިން، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އެއްބަސްވާ ރިސޯޓުތަކުގައި ރީ- ރަޖިސްޓްރީކުރުމަށް ހުޅުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި ކަމަށެވެ.
އެ ކޮމިޝަނުން މިރޭ އެގޮތަށް ނިންމިއިރު، ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ, އެންމެ ހަތް ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޕީޕީއެމުން ގަބޫލްނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް އިން ނިންމުމުން އެކަމާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެ ނިންމުމުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ އެތައް ހާސް ބައެއްގެ ވޯޓު ލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.
އެންމެ ފަހުން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓިއިރު މިފަހަރު ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ހަތް ރިސޯޓްގަ އެވެ. ރިސޯޓެއްގައި ވޯޓު ލާން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި މީގެ ކުރިން ވޯޓު ފޮށި ބަހައްޓަ އެވެ.