19 ޖުލައި 2018 - 06:47

ކްލައުޑް ކޮމްޕިއުޓިން ދާއިރާގައި އެމެޒޯން އަށް އެންމެ ބޮޑު ވާދަވެރި އަކީ މައިކްރޮސޮފްޓެވެ. ރީޓެއިލް ވިޔަފާރީގައި އެންމެ ބޮޑު ވާދަވެރި އަކީ ވޯލްމާޓް އެވެ. މައިކްރޮސޮފްޓް އަދި ވޯލްމާޓް ގުޅިގެން މި ދެ ދާއިރާއިން އެމެޒޯންއާ ވާދަކުރުމަށްޓަކައި، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.
މައިކްރޮސޮފްޓް އަދި ވޯލްމާޓް އެކުގައި ވިޔަފާރިކުރުމަށް ވި އެއްބަސްވުގެ ދަށުން، މައިކްރޮސޮފްޓް ކްލައުޑް ކޮމްޕިއުޓިން ޚިދުމަތްތައް، ވޯލްމާޓް ބޭނުންހިފާނެ އެވެ. އަދި ޓެކްނޮލޮޖީ ތަރައްގީކުރުމަށް ދެ ކުންފުނިން އިންވެސްޓްކުރާނެ އެވެ. މައިގަނޑު ގޮތެއްގައި އިންވެސްޓްކުރަން ހަމަޖައްސާފައި ވަނީ "އާޓިފިޝަލް އިންޓެލިޖެންސް" އަދި މެޝިނަށް މުއާމަލާތްކުރަން ދަސްކޮށްދިނުން ފަދަ މަސައްކަތްތަކަށެވެ.
ރީޓެއިލް ވިޔަފާރީގައި އެމެޒޯންއާ ވާދަކުރުމަށް ވޯލްމާޓް އަށް ކުރެވެން ހުރި ކަންތައްތަކުގެ ތެރޭގައި، ސޭޓުން ނެތް ފިހާރަތައް ހުޅުވުން ހިމެނެ އެވެ. މި މަސައްކަތްތަކުގައި ޓެކްނޮލޮޖީ ބައިވެރިއެއް ގޮތުގައި އަމަލީ މަސައްކަތްތައް މައިކްރޮސޮފްޓުން ކޮށްދޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.
ސޭޓުން ނެތް ފިހާރަތައް ހުޅުވައި ހަމައަކަށް އެޅުވުމަށް މައިކްރޮސޮފްޓަށް އެމެޒޯންގެ ތަޖުރިބާ މުހިންމުވާނެ އެވެ. މައިކްރޮސޮފްޓުން މިހާރު ވެސް ވަނީ އެމެޒޯންގައި މަސައްކަތްކުރި ސޮފްޓްވެއާ އިންޖިނޭރެއް ކުއްޔަށް ހިފާފަ އެވެ.
ވޯލްމާޓް އަދި މައިކްރޮސޮފްޓް އެކުގައި ކުރަން މަސައްކަތްތަކުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަނުކުރެ އެވެ. އެހެން ނަމަވެސް، ބެލެވެނީ މައިކްރޮސޮފްޓުން ވިޔަފާރި ވައިވެރިންނާ އެކު މި މަހު ބާއްވަން ހަމަޖައްސާފައިވާ ކޮންފެރެންސްގައި ހުރިހާ ތަފުސީލެއް ހާމަކުރާނެ ކަމަށެވެ.