18 ޖުލައި 2018 - 20:44

ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދެއްވަން ރައީސް އަބުދުﷲ ޔާމީން ނިންމެވި ނިންމުމަކީ ދިވެހި ޒުވާނުންނަށްޓަކައި އެ މަނިކުފާނު ދެއްވެވި ދީލަތި މައާފެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ސްޕޯކްސް ޕާސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 7.8 މިލިއަން ރުފިޔާގެ ޕާކިން ޖޫރިމަނާ މައާފްކޮށްދެއްވުމަށް ރައީސް ނިންމެވީ، އެ ފައިސާ ދައްކަން ޖެހިފައިވާ ގިނަ އަދަދެއްގެ ޒުވާނުން ތިބުމުން ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ޒުވާނުންނަށްޓަކައި ދެއްވެވި ދީލަތި މައާފެއް ކަމަށް މުއާޒް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޖުމްލަ 7،895،750 ރުފިޔާ އަރާ މި ޖޫރިމަނާއަކީ 2015 އާއި 2016 ގައި ޓްރެފިކްގެ ގަވާއިދާ ހިލާފު ވެގެން ފުލުހުން ތަތްކުރި ސްޓިކާތަކަށް ޖެހޭ މިންވަރެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ ހިންގާ، އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޝިޔާޒު ވިދާޅުވީ އެ ދެ އަހަރުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމީ މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ ސަބަބުން ޕާކްކުރަން ދަތިވެ އެތައް ބަޔަކު ޖޫރިމަނާ ވެފައިވާތީ ކަމަށެވެ.