ހަތް ރިސޯޓެއްގައި އެކަނި ވޯޓުފޮށި ބަހައްޓަން ނިންމި ނިންމުން ގަބޫލެއް ނުކުރަން: އަބްދުއް ރަހީމް
ހަތް ރިސޯޓެއްގައި އެކަނި ވޯޓުފޮށި ބަހައްޓަން ނިންމި ނިންމުން ގަބޫލެއް ނުކުރަން: އަބްދުއް ރަހީމް

އަންނަ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޕީޕީއެމުން ގަބޫލްނުކުރާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް އިން ނިންމުމުން އެކަމާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެ ނިންމުމުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ އެތައް ހާސް ބައެއްގެ ވޯޓު ލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމި މައްސަލަ ހޫނުވެފައި ވަނިކޮށް އަބްދުއްރަހީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ނިންމުން ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ގޮވާލާ ކަމަށެވެ.

އެންމެ ފަހުން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓިއިރު މިފަހަރު ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ހަތް ރިސޯޓްގަ އެވެ. ރިސޯޓެއްގައި ވޯޓު ލާން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި މީގެ ކުރިން ވޯޓު ފޮށި ބަހައްޓަ އެވެ.

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖެއްސުމުން އެ ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވަނީ ނިންމަވައިފަ އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އީސީގެ މިހާރުގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ ގާތްގަނޑަކަށް 10،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ އެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ލާ އިރު އެހީތެރިވާން ހަމައެކަނި އީސީގެ އޮފިޝަލެއް ހުންނަ ގޮތަށް އެ ކޮމިޝަނުން ނިންމި ނިންމުމުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.