18 ޖުލައި 2018 - 18:15

ބެންކޮކް (ޖުލައި 18) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތިބި ކުދިންގެ އަތުގައި ކާނެ އެއްޗެއް ނެތް އިރު ނުވަ ދުވަސް ވަންދެން ސަލާމަތުން ތިބީ ހޮހަޅަ އަށް ފޭބި ވާރޭ ފެން ބޮއިގެން ކަމަށް އެ ކުދިން މިއަދު ބުނެފި އެވެ.

އުނދަގޫ އަދި ނުރައްކާ އޮޕަރޭޝަނަކަށް ފަހު 12 ކުދިންނާއި ކޯޗު މި މަހު 10 ވަނަ ދުވަހު ސަލާމަތްކޮށް،
ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ގެއަށް މިއަދު ދޫކޮށްލުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ކުދިން ބުނީ ހޮހަޅަ އަށް ވަނީ ގަޑިއެއްހާ އިރަށް ކަމަށާއި ނަމަވެސް ހޮހަޅަ ތެރެއަށް ވަން ފަހުން ވާރޭ ވެހި ފެންގަނޑު ބޮޑުވުމުން އަނބުރާ ނުނިކުމެވި ތާށިވީ ކަމަށެވެ.

"ސަލާމަތްވެފައި މި ވަނީ މުއުޖިޒާތަކުން،" ބާރަ ކުދިންގެ ތެރޭގައި ހިމެނޭ އިނގިރޭސި ބަހުން ވާހަކަ ދަންނަ އެނގޭ ހަމައެކަނި ކުއްޖާ ކަމަށްވާ އަދުލް ސަމޮން، 14، ބުންޏެވެ.

ޓީމުގެ ކޯޗު އެކަޕޯލް ޗަންޓަވޮންގް ބުނީ އެ މީހުން ސަލާމަތް ކުރަން އަންނަންދެން މަޑު ނުކޮށް ސަލާމަތްވެވޭތޯ އެ އަމިއްލަ އަށް ކުރެވުނު މަސައްކަތެއް ވެސް ކުރި ކަމަށެވެ.
"ހޮހަޅައިން ނުކުމެވޭތޯ މަގެއް ހެދޭތޯ އަހަރެމެން ބެލިން،" އެކަޕޯލް، 25، ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ދިއުމުގެ ކުރިން އެ ކުދިން ވަނީ ފުޓުބޯޅައިގެ ހުނަރުތައް ދައްކާލައިފަ އެވެ.
ފުޓުބޯޅަ ޓީމުގެ ޖާޒީގައި ތިބި ކުދިން ވަނީ މި ދިމާވި ހާދިސާ އިން އިބްރަތް ހާސިލް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެ ހާދިސާ އިން ކެތްތެރިކަމާއި ހިތްވަރު ދަސްވެއްޖެ ކަމަށް އެހެން ކުއްޖަކު ބުންޏެވެ.
ޗިއާން ރާއީ ޕްރޮވިންޝަލް ގަވަރުނަރު ޕްރަޗޮން ޕްރަޓްސުކަން ވިދާޅުވީ މިއީ އެ ކުދިން މީޑިއާއާ ބައްދަލު ކުރާނެ ހަމައެކަނި ފަހަރު ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމަށް ފަހު އެއިން އެއްވެސް ކުއްޖަކާ ނޫސްވެރިން ސުވާލު ނުކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ސައިކޭޓްރިސްޓުން ވަނީ ސުވާލުތައް ސްކްރީން ކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ދިނުމަށް ފަހު، އެ ކުއްޖަކަށް ޚާއްސަކޮށްފައިވާ ވެހިކަލުގައި ވަނީ ގެއަށް ގެންގޮސްފަ އެވެ.
ފުޓުބޯޅަ ޓީމުގެ 11-17 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅައިގައި ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން އެ މީހުން ފެނުނީ މި މަހު 2 ވަނަ ދުވަހުގެ ރެ އެވެ. އަދި ތިން ދުވަހުގެ އޮޕަރޭޝަނަކަށް ފަހު އެންމެން ހޮހަޅައިން ނެރެފައި ވަނީ ޖުލައި 10 ވަނަ ދުވަހު އެވެ.