ކޮކްޕިޓުގައި ސިނގިރެޓް ބުއި ޕައިލެޓުންގެ ލައިސަަންސް ބާތިލް
ކޮކްޕިޓުގައި ސިނގިރެޓް ބުއި ޕައިލެޓުންގެ ލައިސަަންސް ބާތިލް

ބެއިޖިން (ޖުލައި 18) - ކޮކްޕިޓުގައި އީ-ސިނގިރޭޓް ބުއިމުން އެއާ ޗައިނާގެ ބޯޓެއްގެ ކެބިން ޕްރެޝަރު ދަށްވެ ބޯޓު ކުއްލިއަކަށް ތިރިވެ އިމަޖެންސީ ހާލަތަކަށް ދިޔަ ހާދިސާއާ ގުޅިގެން އެ ބޯޓުގެ ދެ ޕައިލެޓުންގެ ލައިސަންސް ބާތިލް ކޮށްފި އެވެ.

ކޮކްޕިޓުގައި ސިނގިރެޓް ބުއި ޕައިލެޓުންގެ ލައިސަަންސް ބާތިލް
ކޮކްޕިޓުގައި ސިނގިރެޓް ބުއި ޕައިލެޓުންގެ ލައިސަަންސް ބާތިލް

ހޮން ކޮންގުން ޑާލިއަން އަށް ދަތުރުކުރި ބޯޓުގެ ކެބިން ޕްރެޝަރު ދަށްވުމުން 6،500 މީޓަރު (21،000 ފޫޓް) އަށް ބޯޓު ވަނީ ތިރިވެފަ އެވެ. ތަހުގީގު ޓީމުން ބުނެފައި ވަނީ އެ ގޮތަށް ދިމާވީ ކޮކްޕިޓުގައި ޕައިލެޓުން އީ-ސިނގިރޭޓް ބުއިމުން ކަމަށެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަނުން ވަނީ އެއާލައިން ވެސް ޖޫރިމަނާކޮށް އެ އެއާލައިނުގެ ފްލައިޓްތައް 10 ޕަސެންޓް މަދުކޮށްފަ އެވެ. އަދި އެއާ ޗައިނާގެ ތިން މަސް ދުވަހު ސޭފްޓީ ރެވިއުއެއް ހަދަން ވަނީ އަންގައިފަ އެވެ. ބޯޓުގެ ތިން ވަނަ ޕައިލެޓުގެ ލައިސަންސް ވަނީ ހަ މަސް ދުވަހަށް ހިފަހައްޓައިފަ އެވެ. އަދި ޗައިނާ އެއާގައި އެ ޕައިލެޓް ދަތުރު ކުރުން ވަނީ ދެ އަހަރަށް މަނާކޮށްފަ އެވެ.

ތަހުގީގު ޓީމުން ބުނީ ކޮކްޕިޓްގައި އީ-ސިނގިރޭޓް ބުއިމަށް ފަހު ޕަސިންޖަރުންނާ ހަމައަށް ދުން ހިނގައިދާނެތީ ކޯ-ޕައިލެޓް ވަނީ ފޭނެއް ނިއްވާލަން މަސައްކަތް ކޮށްފައި ކަމަށެވެ. އެކަމަކު އޭނާ އަށް ނިއްވާލެވުނީ އެއާ-ކަންޑިޝަން ޔުނިޓް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެއާ-ކަންޑިޝަން ނިންވާލެވިފައިވާކަން ފާހަގަވުމާ އެކު ކޯ-ޕައިލެޓް އަލުން ވަނީ ޔުނިޓް އޮންކޮށް ބޯޓު މައްޗަށް ނަގައިފަ އެވެ.

ބޯޓު މައްޗަށް ނެގުމަށް ފަހު ޕައިލެޓުން ވަނީ ދަތުރު ފުރިހަމަ ކޮށްފަ އެވެ. ބޯޓަށް ދިމާވި ހާދިސާގައި އެ ބޯޓުން ދަތުރުކުރި 153 ޕަސިންޖަރުންނަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ޗައިނާގެ ބޯޓުތަކުގައި އީ-ސިނގަރޭޓް ބޭނުން ކުރުން ވަނީ 2006 ވަނަ އަހަރު މަނާކޮށްފަ އެވެ. އަދި ޗައިނާގެ ބޯޓުތަކުގައި ކްރޫން ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.