ޑްރަގް މައްސަލަތަކުގައި ހުކުމުގެ ދެ ބައި ކުޅަ އެއްބައި ތަންފީޒު ނުކުރިޔަސް، އަދަބު ލުއިކޮށްދެވޭ ގޮތަށް ހަދައިފި
ޑްރަގް މައްސަލަތަކުގައި ހުކުމުގެ ދެ ބައި ކުޅަ އެއްބައި ތަންފީޒު ނުކުރިޔަސް، އަދަބު ލުއިކޮށްދެވޭ ގޮތަށް ހަދައިފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުންގެ ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނުނިމުނަސް ރައީސުލްޖުމްހޫރިއްޔާ އަށް އަދަބު ލުއިކޮށްދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ހުކުމް ތަންފީޒު ކުރަމުންދާ މީހާގެ އުމުރަށާއި ހާލަތަށާއި އިންސާނިއްޔަތު ކަމުގެ ނަޒަރުން ބަލައި، ރައީސް އިސް ނަންގަވައިގެން އެ މީހެއްގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެ އުސޫލުގެ ދަށުން ރައީސަށް އަދަބު ލުއިކޮށް ދިނުމާ ގުޅޭ ގަވާއިދެއް ރައީސް އޮފީހުން ކުރިން އޮތީ އެކުލަވާލައިފަ އެވެ.

އެ ގަވާއިދެއް ކުރިން އޮތްގޮތުން ބޮޑެތި ކުށްތަކާއި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުންގެ އަދަބު ރައީސަށް ލުއިކޮށް ދެވޭނީ ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުންނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ކުށްތައް ވެސް ކުރިން އޮތީ ހިމަނައިފަ އެވެ.

އެކަމަކު އެ ގަވާއިދަށް މިއަދު ގެނެސްފައިވާ އިސްލާހު އޮތްގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އައިސްފައިވާ މީހުން ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒު ނުކުރިޔަސް، ރައީސްގެ އިސް ނެންގެވުމުގައި އެފަދަ މީހުންގެ އަދަބު ލުއިކޮށް ދެވޭނެ އެވެ. އެހެންވެ، އެފަދަ މީހުން ހުކުމުގެ ހަތަރު ބައި އެއް ބައި ތަންފީޒުކޮށް ނިމިފައިވާ ނަމަ، އާންމު ކުށްތަކެކޭ އެއްގޮތަށް އެ މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމުގައި ލުއިކޮށް ދެވިދާނެ އެވެ.

އެކަމަކު މީގެ ތެރޭގައި 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލާފައި ތިބި މީހުން ނުހިމެނޭނެ އެވެ. އެ ގަވާއިދު އޮތްގޮތުން 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމުގައި ލުއިކޮށް ދެވޭނީ ކުރިން ވެސް އޮތްގޮތަށް ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒު ކުރުމުންނެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސް އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދިނުމުގެ އިތުރުން ކުށްވެރިޔާ އެދިގެން ވެސް ރައީސަށް އަދަބު ލުއިކޮށް ދެވިދާނެ އެވެ. ކުށްވެރިޔާ އެދިގެން އަދަބު ލުއިކޮށް ދެވޭނީ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައިވާ ނަމަ އަދި ހުކުމުގެ ތިން ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ކްލެމެންސީ ބޯޑުގެ ލަފާގެ މަތިންނެވެ.