18 ޖުލައި 2018 - 14:05

ވޮޝިންޓަން (ޖުލައި 18) - އެމަޒޮންގެ ފައުންޑާ ޖެފް ބެޒޮސްގެ މިލްކިއްޔާތުގެ އަގު 150 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބްލޫމްބާގް ބިލިއަނާ އިންޑެކްސް އިން ބުނެފި އެވެ.

ވޭތުވެދިޔަ 12 މަސް ދުވަސްތެރޭ ބެޒޮސްގެ މިލްކިއްޔާތުގެ އަގު ވަނީ 60 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާ މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ބިލް ގޭޓްސް ވައްޓާލުމަށް ފަހު ބެޒޮސް ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސްގެ މިލްކިއްޔާތުގެ އަގަކީ 95 ބިލިއަން ޑޮލަރު ކަމަށް ބްލޫމްބާގުން ބުނެ އެވެ. ގޭޓްސް ވަނީ 1996 ވަނަ އަހަރުގެ ފަހުން މައިކްރޯސޮފްޓުގެ 700 މިލިއަން ހިއްސާ ދޫކޮށްލައި 2.9 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މި ފައިސާ އާއި އެސެޓްސް ގޭޓްސް ދީފައި ވަނީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނަށް ކަމަށް ބްލޫމްބާގުން ބުނެ އެވެ.
މިއީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގެ އެއް ވަނަ އަށް ބެޒޮސް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެމަޒޮންގެ ހިއްސާ މަތިވުމާ އެކު ބެޒޮސް ވަނީ ބިލް ގޭޓްސް ވައްޓާލުމަށް ފަހު އެއް ވަނަ އަށް އަރައިފަ އެވެ. ނަމަވެސް ހިއްސާގެ އަގު ދަށްވުމާ އެކު ބެޒޮސް ވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ.
ބެޒޮސް ވިދާޅުވީ ކޮމާޝަލް ސްޕޭސް ޓްރޭވަލް އަށް އަމާޒުކޮށް ފަށާފައިވާ ބްލޫ އޮރިޖިން ޕްރޮޖެކްޓަށް ފަންޑް ކުރަން އަހަރަކު 1 ބިލިއަން ޑޮލަރުގެ އެމަޒޮން ސްޓޮކް ވިއްކަމުންދާ ކަމަށެވެ.