19 ޖުލައި 2018 - 06:45

ކޮފީގެ ފައިދާތަކުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެ އެވެ. ކޮފީ ބޮއެގެން ލިބޭ އެކި ކަހަލަ ފައިދާތަކުގެ އިތުރުން ކޮފީ ވަހުގެ ފައިދާތަކުގެ ވާހަކަ ވެސް ދައްކަން އެބަ ޖެހެ އެވެ.
ފަހުގެ ދިރާސާއެއްގައި ބުނި ގޮތުގައި ކޮފީގެ ވަސް ޖެހުމުން ވިސްނުމުގެ ބާރު އިތުރުކޮށްދީ، ސިކުނޑި އަށް އަރާމާއި ހަމަޖެހުން ގެނުވައި ދެ އެވެ. އެގޮތުން ހިސާބާ ގުޅުން ހުރި މަަސައްކަތްތަކެއް ކުރާ ނަމަ، ކޮފީގެ ވަހަކީ އެ މަސައްކަތެއްގެ ނަތީޖާ އަށް ބާރު ފޯރުވާ ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައި އެވެ.
އެންވަޔަރަމަންޓަލް ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ސްޓީވެންސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދިރާސާގައި ބުނި ގޮތުގައި ކޮފީގެ ވަހަކީ ވިސްނުމުގެ ގާބިލްކަމަށް ވަރަށް ބޮޑު އެހީއެކެވެ.
ދެ ގްރޫޕަކަށް ދަރިވަރުންތަކެއް ބަހާލައި، ދެ ހޯލެއްގައި ދަރިވަރުން ބައިތިއްބައިގެން އަލްޖެބްރާ އިމްތިހާނު ކަރުދާހެއް ދަރިވަރުން ލައްވައި ހެދުވި އިރު، އެއް ހޯލަކީ ކޮޕީގެ ވަސް ފަތުރާލައިފައި އޮތް ހޯލެކެވެ. އަނެއް ހޯލަކީ އެއްވެސް ވަހެއް ނެތް ހޯލެކެވެ.
ނަތީޖާ އިން ދެއްކީ ކޮފީ ވަސް ލިބި ގަނެގެން ކަރުދާސް ފުރިހަމަ ކުރި ދަރިވަރުން ހޯދި ނަތީޖާ، އަނެއް ގްރޫޕްގެ ކުދިންނާ މާ ބޮޑަށް ވެސް ތަފާތު ކަމެކެވެ. އެގޮތުން ކޮފީގެ ވަހުގެ ތެރޭގައި ޕޭޕަރް ނިންމައިލި ދަރިވަރުން ހޯދި ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅު ކަމަށް ދެއްކި އެވެ.
ދިރާސާ ޓީމްގައި ބައިވެރިވި އެޑްރިއާނާ މަދަރޯވް ވިދާޅުވި ގޮތުގައި ނަމްބަރުތަކާ ގުޅުން ހުރި މަސައްކަތްތަކަށް ކޮފީގެ ވަހަކީ ޖާދުލެއް ކަހަލަ އެއްޗެކެވެ. އޭގެ ވަހުގެ ސަބަބުން ސިކުނޑި އަށް ލިއްބައިދޭ އަރާމުކަމާ އެކު، ހަމަޖެހިލައިގެން އިނދެ ވިސްނައިލަން މަގުފަހިކޮށްދެ އެވެ.
އެހެންވެ އާކިޓެކްޓުންނާއި ބިލްޑިން ޑިވެލޮޕަރުންނާއި ރިޓެއިލް މެނޭޖަރުން ކަހަލަ މަސައްކަތްތައް ކުރާ މީހުންނަށް ކޮފީގެ ވަސް ވަރަށް ވެސް މުހިއްމު ކަމަށް އޭބާ ވިދާޅުވި އެވެ.