މިސްރުގައި ސޯޝަލް މީޑިއާ އަށް އިތުރު ފިއްތުމެއް
މިސްރުގައި ސޯޝަލް މީޑިއާ އަށް އިތުރު ފިއްތުމެއް

ސޯޝަލް މީޑިއާގެ ނުފޫޒަށް ކަންބޮޑުވާ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ މިސްރެވެ. އެ ގައުމުން މިހާރު ވަނީ ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރެވޭ ގޮތަށް މި މަހުގެ 16 ވަނަ ދުވަހު ބިލެއް ފާސްކޮށްފަ އެވެ.

މި ގާނޫނުގެ ދަށުން، ސޯޝަލް މީޑިއާ އާއި އަދި އެ ނޫން ވެސް ވަސީލަތްތަކުގައި "ފޭކް ހަބަރު" ފަތުރާ ނަމަ އެފަދަ ޕްލެޓްފޯމްތައް ބްލޮކްކޮށް، ހަރުކަށި ފިޔަވަޅުތައް އަޅާނެ އެވެ. ގާނޫނުގައި ބުނާ ގޮތުން ފޭސްބުކާއި ޓްވިޓާ ފަދަ ފޯރަމްތަކުގައި، 5،000 ފޮލޯވަރުން ގެންގުޅޭ ކޮންމެ އެކައުންޓަކީ މީޑިއާ އައުޓްލެޓެއްގެ ގޮތުގައި ބެލެވޭނެ އެވެ.

އެހެންވެ އެފަދަ ވަސީލަތެއްގައި "ފޭކް ހަބަރު" ފަތުރާ ނަމަ، ދައުވާ ވެސް ކުރާނެ އެވެ.

މިސްރުގެ ދަ ސުޕްރީމް ކައުންސިލް ފޮ އެޑްމިނިސްޓްރޭޝަން އޮފް ދަ މީޑިއާއަކީ އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް ސީސީ އައްޔަން ކުރައްވާ ވެރިއަކު އިސްކޮށް ހުންނަވާ މުއައްސަސާއެކެވެ.

އަލަށް ފާސްކުރި ގާނޫނު ތަސްދީގު ކުރުމާ އެކު، އެ ކައުންސިލުން މީޑިއާތަކުން އަމަލު ކުރޭތޯ ބަލަމުން ގެންދާނެ އެވެ. މި ގާނޫނުގެ ދަށުން ލައިސަންސް ނެތި މިހާރު ހިންގާ ސައިޓްތައް ބަންދު ކުރުމުގެ ބާރު ވެސް ލިބި ދީފައިވެ އެވެ.

މި ގާނޫނަށް ސީސީ އަށް ތާއީދު ކުރާ މީހުން ތާއީދުކޮށްފައިވާ އިރު، އެއަށް ފާޑު ކިޔާފައިވާ ގިނަ މީހުން ބުނި ގޮތުގައި މިއީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް މިސްރުން އަރައިގުމުގެ އަމަލެކެވެ. އަދި މިއީ ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގެ ބާރު ކަނޑުވައިލަން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު ޝަރީފް މަންސޫރް ވިދާޅުވި ގޮތުގައި މިސްރުން ފާސް ކުރި އާ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަކަން ހަނިކޮށްލުމުގެ އަމަލެކެވެ.

"މިއީ ސަރުކާރުގެ މުށުތެރެ އަށް ނޫސްވެރިންނާއި މީޑިއާތައް ލާން ކުރި ކަމެއް،" ރޮއިޓާޒް އަށް އަށް ޝަރީފް ވިދާޅުވި އެވެ.