"ކަސޯޓީ"ގެ އާ ސީޒަނުގައި ކޮމަލިކާގެ ރޯލުން ހީނާ ހާން ފެނިދާނެ
"ކަސޯޓީ"ގެ އާ ސީޒަނުގައި ކޮމަލިކާގެ ރޯލުން ހީނާ ހާން ފެނިދާނެ

ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ސީޒަނެއް މުޅިން އާ ކާސްޓަކާ އެކު ގެނެސް ދޭން އެކްތާ ކަޕޫރް ތައްޔާރުވަމުން އަންނަ އިރު، އޭގެ ކާސްޓުންނާ ބެހޭ ގޮތުން މި ދުވަސްކޮޅު ދެކެވޭ ވާހަކަތައް ގިނަ އެވެ.

އެގޮތުން މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ "ކަސޯޓީ" އިން ބެލުންތެރިންގެ ހިތްތައް އަތުލައި ބެލުންތެރިން ރުޅި ވެސް އަރުވައިލި ކޮމަލިކާގެ ރޯލް މި ފަހަރު ކުޅޭނެ ބަތަލާއެއްގެ ވާހަކަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކުރިން އުރްވަޝީ ދޮލަކިއާ ކުޅުނު ކެރެކްޓާ މި ފަހަރު ވަނީ "ޔޭ ރިޝްކާ ކިހާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ހީނާ ހާނަށް ހުށަހަޅައިފަ އެވެ.

ދާދި ފަހުން ވީޑިއޯ ލަވަކުން ވެސް ފެނުނު ހީނާ އަކީ މިދިޔަ އަހަރު ގެނެސް ދިން "ބިގް ބޮސް 11" ގައި ވާދަކޮށްގެން، އޭނާގެ "ހަރުކަށި" ފަރާތް ދައްކާލައިފައިވާ ބަތަލާއެކެވެ.

އެހެންވެ ނެގަޓިވް ރޯލެއް ކުޅެލަން ހީނާއަކީ މިހާރު ރަނގަޅު ހޮވުމަކަށް ވާނެ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. މިކަމާ ބެހޭ ގޮތުން ހީނާ ބުނި ގޮތުގައި އެކްތާގެ ޓީމުން ވަނީ އޭނާއާ ވާހަކަ ދައްކައިފަ އެވެ.

ނަމަވެސް ހުށަހެޅީ ކޮމަލިކާގެ ރޯލްކަން ހީނާ ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"އަހަރެން އަދި އެއަކަށް ސޮއެއް ނުކުރަން. އެހެންވެ އަދި ނެތް އިތުރު އެއްވެސް ތަފުސީލަކަށް ދެވޭކަށް،" އޭނާ ބުންޏެވެ.

މި މަހުގެ 9 ގައި 39 ވަނަ އުފަން ދުވަސް ފާހަގަ ކުރި އުރްވަޝީއާ އެކު ނަގާފައިވާ ފޮޓޯއެއް އިސްޓަގްރާމްގައި އެކްތާ ހިއްސާކޮށްފައިވާތީ ބައެއް މީހުން ބުނެފައި ވަނީ "ކަސޯޓީ" ގެ އާ ސީޒަނުން ވެސް ކޮމަލިކާގެ ފެނުމަށް އެދޭ ކަމަށެވެ. އެކްތާ ބުނި ގޮތުގައި އެ ރޯލާ ބެހޭ ގޮތުން އޭނާ ވަނީ އުރްވަޝީއާ ވާހަކަ ދައްކައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކަސޯޓީ" ގެ ދެވަނަ ސީޒަނުގައި ޕްރޭނާގެ ރޯލް ކުޅޭނީ ސޮނީން ގެނެސް ދިން ސިލްސިލާ "ކުޗް ރަންގް ޕިޔާރް ކޭ އެއިސޭ ބީ" ގެ ބަތަލާ އެރިކާ ފެނަންޑޭޒެވެ.

އަދި އަނޫރާގް ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝަހީރް ޝެއިހް ނޫނީ ކަލާޒްގެ ސިލްސިލާ "ކަސަމް" ގެ އެކްޓަރު ޝަރަދް މަލްއުތުރާ ކަމަށްވެ އެވެ.

"ކަސޯޓީ" ގެ އާ ސީޒަން ގެނެސް ދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.