19 ޖުލައި 2018 - 06:49

ބޮލީވުޑުން މި ހަފުތާގައި ފާހަގަކޮށްލެވުނު ބައެއް ހަބަރުތަކަށް ކުރުކޮށް ބަލާ އިރު، އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއްކަން ކަން ހިމެނެ އެވެ. ބައެއ ސުރުހީތަކަށް ބަލައިލަމާ ހިނގާށެވެ.
އެގޮތުން އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "ގޯލްޑް" ގައި އަކްޝޭ ކުމާރާ އެކު ބަތަލާގެ ރޯލް ކުޅެފައިވާ ޓީވީ ބަތަލާ މޯނީ ރޯއި އަނެއްކާ ވެސް މި ވަނީ ފިލްމަކަށް ސޮއިކޮށްފަ އެވެ. އޭނާ މި ފަހަރު ސޮއި ކުރި ފިލްމަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ރާޖްކުމާރް ރާއޯ ބަތަލުގެ ރޯލް ކުޅޭ ފިލްމް "މޭޑް އިން ޗައިނާ" އެވެ.
މޯނީ އެ ފިލްމަށް ސޮއި ކުރި ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށް، ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ޝޫޓިން ފަށާ "މޭޑް އިން ޗައިނާ" އަކީ މިކިލް މުސާލޭ ޑައިރެކްޓް ކުރާ ފިލްމެކެވެ. އަޑުތައް އަރާފައިވާ ގޮތުން ޖޯން އަބްރަހަމްގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ބަތަލާއަކީ ވެސް މޯނީ އެވެ.
މި އަހަރު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމް "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލު ކަރްތިކް އަރިޔަން ވެސް އިތުރު ފިލްމަކަށް މިހާރު މި ވަނީ ސޮއިކޮށްފަ އެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ "ލުއްކާ ޗުއްޕީ" އަށް ސޮއި ކުރުމަށް ފަހު، އޭނާ މިހާރު ސޮއި ކުރި ފިލްމަކީ 2016 ގައި ރިލީޒްވި ކާމިޔާބު ކަންނާޑާ ފިލްމް "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން އެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ.
އޮކްޓޯބަރުގައި ޝޫޓިން ފަށާ މި ފިލްމްގެ ޑައިރެކްޓަރަކީ އަބީޝެކް ޖެއިން އެވެ. އަންނަ އަހަރުގެ މާޗްގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" ގައި ކަރްތިކް ފެނިގެން ދާނީ ކިރިތީ ސެނަންއާ އެކުގަ އެވެ.
ދާދި ފަހުން ޝަންހާއީ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ވެސް ދައްކައިގެން ސްޓޭޑިން އޮވޭޝަން ހޯދި ރާނީ މުކަރްޖީގެ އެންމެ ފަހުގެ ފިލްމް "ހިޗްކީ" ރަޝިއާގައި ވެސް ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.
އުކުޑިކޮށްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލް ރާނީ ކުޅެފައިވާ ފިލްމް ރަޝިއާގައި ދައްކާނީ ރަޝިއާ ބަހުން އަޑު އަޅައިގެންނެވެ. އަދި ފިލްމް ޕްރިމިއާ ކުރާނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
"ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދައި، ސިދާތު ޕީ. މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ވަގުތު ރިލީޒް ވާނެ އެއްވެސް ފީޗާ ފިލްމެއް ނެތް ސައިފް އަލީ ހާން "ހަންޓާ" ކިޔާ ޕީރިއަޑް ފިލްމަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފި އެވެ. މި ފިލްމްގައި ދައްކުވައިދޭ ރޯލަށް ސައިފް ވަނީ ތުނބުޅި އާއި ބޯ ވެސް ކޮންމެވެސް ވަރަކަށް ދިގުކޮށްފަ އެވެ.
"ހަންޓާ" އަކީ ސައިފް ވަރަށް ހަޑިކޮށް ފެނިގެން ދާނެ ފިލްމެކެވެ. އެކަމަކު އޭނާ ކުޅޭ ކެރެކްޓާ ވަރަށް ވަރުގަދަ ވާނެ ކަމަށް ބުންޏެވެ. ސައިފް އެންމެ ފަހުގެ މަސައްކަތަކީ ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އެވެ.
މިއީ ބެލުންތެރިންނާއި ކްރިޓިކުން ތައުރީފު އޮއްސައިލި އެއްޗެކެވެ. ފުރަތަމަ ސީޒަނުގެ 6 އެޕިސޯޑަށް ފަގު، މީގެ ދެވަނަ ސީޒަނެއް ވެސް ގެނެސް ދޭން ނެޓްފްލިކްސް އިން ވަނީ ނިންމައިފަ އެވެ.