ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" އަންނަ އަހަރަށް ފަސްކޮށްފި
ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" އަންނަ އަހަރަށް ފަސްކޮށްފި

ނޮވެމްބަރު މަހު ރިލީޒް ކުރަން ތާވަލުކޮށްގެން އުޅުނު، ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ޑައިރެކްޓަރު ކްރިޝް ޑައިރެކްޓްކޮށްފައިވާ ފިލްމް ކުރިން ރިލީޒްކުރަން އޮތީ އަންނަ ނޮވެމްބަރު މަހުގެ 29 ގަ އެވެ. "މަނިކަރްނިކާ" އެންމެ ފުރަތަމަ އިއުލާން ކުރި އިރު، ފިލްމް ރިލީޒް ކުރާނެ ތާރީހަކަށް ކަނޑައެޅީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހެވެ.

ނަމަވެސް ޝޫޓިން ތެރޭގައި ކަންގަނާ އަށް އަނިޔާތަކެއްވެގެން ފަރުވާ ވެސް ހޯދަން ޖެހި ޝޫޓިން ދިގުލައިގެން ދިއުމުން ނޮވެމްބަރު 29 އަށް ފަސްކުރީ އެވެ.

އެކަމަކު އެ ތާރީހުގައި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމް "2.0" ރިލީޒް ކުރަން މިހާރު ނިންމާފައިވާތީ ކަންގަނާގެ ފިލްމް އަންނަ އަހަރަށް ފަސްކޮށްލީ އެވެ.

ނަމަވެސް އަދި ރަސްމީކޮށް ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ފިލްމްގެ ފުރަތަމަ ޓީޒާ އަންނަ މަހުގެ 15 ގައި ދައްކައިލަން ވަނީ ނިންމައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ލޯބީގެ މައްސަލަގަނޑެއްގައި ކަންގަނާއާ ގުޅުން ގޯސްވެފައިވާ އެކްޓަރު ރިތިކް ރޯޝަންގެ "ސުޕަ 30" ރިލީޒް ކުރަން އޮތް ތާރީހު ކަމަށްވާ ޖެނުއަރީ، 25، 2019 އަށް "މަނިކަރްނިކާ" ތާވަލުކޮށްފާނެ އެވެ.

ޒީ ސްޓޫޑިއޯސް އިން އުފައްދާ "މަނިކަރްނިކާ" އަކީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމްގައި ކަންގަނާ ކުޅެފައި ވަނީ ޓައިޓްލް ރޯލެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސޯނޫ ސޫދް، އަތުލް ކުލްކަރްނީ، ސުރޭޝް އޮބެރޯއީ ޖިއްޝޫ ސެންގުޕްތާގެ އިތުރުން ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ބަތަލާ އަދި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންޖް ރާޖްޕޫތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންދޭ ހިމެނެ އެވެ. "މަނިކަރްނިކާ" ވެގެން ދާނީ އަންކިތާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.

ވަރަށް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި މިހާރު ވެސް އިންތިޒާރު ރަމުން އަންނަ ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ބާހްބަލީ" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖެންދްރަ ޕްރަސާދާއި މަޝްހޫރު ޅެންވެރިޔާ އަދި ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕްރަސޫން ޖޯޝީ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމް "ސިމްރަން" އަށް ފަހު، ކަންގަނާ ދާދި ފަހުން ޝޫޓިން ނިންމައިލި "މެންޓަލް ހޭ ކިޔާ" ވަނީ ފެބްރުއަރީ، 22، 2019 އަށް ތާވަލުކޮށްފަ އެވެ.