18 ޖުލައި 2018 - 10:47

މިއުނިކް (ޖުލައި 18) - ފުޓްބޯޅަ ކެރިއަރުގައި މޮޅު ކެޕްޓަނެއްގެ ރޯލު އެންމެ ފުރިހަމަ އަށް އަދާކުރެއްވިއްޖެ ނަމަ މުސްތަގުބަލުގައި ކާމިޔާބު ކޯޗަކަށްވެވޭނެ ކަމަށް ޖަރުމަނުގެ ލެޖެންޑް އަދި އެ ގައުމުގެ ފުޓްބޯޅަ ޝަހުސިއްޔަތު ފްރެންޒް ބެކެންބާ ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފްރާންސުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ހޯދި ތިން ވަނަ މީހާގެ ޝަރަފާ އެކު ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ 1998 ވަނަ އަހަރު ފްރާންސުން ތަށި ހޯދިއިރު ކެޕްޓަނެވެ. މި ޝަރަފް ދެން ހޯދާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.
ބެކެންބާގެ ކެޕްޓަންކަމުގައި ޖަރުމަނުން ވޯލްޑް ކަޕް ތަށި އުފުލާލީ 1974 ވަނަ އަހަރު އެވެ. އަދި އޭނާ ވަނީ ޖަރުމަނު ކޯޗުކަމާ ހަވާލުވެ 1990 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ބްރެޒިލްގެ ޒަގަލޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1958 އާއި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ކޯޗިން ކެރިއަރުގައި ވެސް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެއީ ބްރެޒިލްގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރެ 1970 ވަނަ އަހަރާއި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ 1994 ވަނަ އަހަރު އެވެ.
ޑެޝޯމްޕްސް އަށް މި ފަހަރުގެ ވޯލްޑް ކަޕުގައި ލިބުނު ކާމިޔާބާ އެކު ބެކެންބާ ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
"މިހާރު މި ކާމިޔާބީގެ ލިސްޓުގައި އެ ހަމަވީ ތިނެއް. އެއީ އަހަންނާއި ޒަގަލޯ ދެން ޑެޝޯމްޕްސް. އަހަރެން ބޭނުން ޑެޝޯމްޕްސް އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން،" ބެކެންބާ ޖަރުމަނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޑެޝޯމްޕްސް އާއި ބެކެންބާގެ ކާމިޔާބީ ހާއްސަވަނީ އެ ދެ ކުޅުންތެރިން ވެސް ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރީ ކެޕްޓަނެއްގެ ގޮތުގައި ކަމަށްވާތީ އެވެ.
"ކެޕްޓަނަކަށް ވުމަކީ އޮޓޮމެޓިކަލީ ލީޑަރަކަށް ވުމުގެ ފެށުން. އަހަރެންގެ ނަޒަރުގައި މޮޅު ކެޕްޓަނަކަށް ވުމަކީ ކާމިޔާބު ކޯޗެއްގެ ފެށުން. އެކަން އަހަންނަށް ތަޖުރިބާކުރެވުނު،" ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި ބެކެންބާ ބުންޏެވެ.
އޭނާ ބުނީ ފްރާންސުން މި ކާމިޔާބީ ހޯދީ ޒުވާން ކުޅުންތެރިންތަކަކާ އެކު ކަމަށާއި އެ ކާމިޔާބީ ތަކުރާރު ކުރުމުގެ ގާބިލުކަން އެ ޓީމުގެ ކިބައިގައި އެބަހުރި ކަމަށެވެ.
ބެކެންބާ ބުނީ އޭނާގެ އުއްމީދަކީ ވޯލްޑް ކަޕް ކާމިޔާބުކުރާ ގިނަ ކުޅުންތެރިންނަށް ކޯޗިންގައި ވެސް އެ މުބާރާތް ކާމިޔާބު ކުރެވުން ކަމަށެވެ.
"1960 ވަނަ އަހަރު ފެށި ވޯލްޑް ކަޕެއްގައި އަދި މިހާތަނަށް ތިން މީހަކަށް ވޯލްޑް ކަޕް ހާސިލްކުރެވުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހައިރާންކަމެއް. ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި މި ލިސްޓަށް އިތުރު ނަންތަކެއް އަންނަންޖެހޭ. އުފާކުރަން ގިނަ ކުޅުންތެރިން މި ހުވަފެން ހާސިލްކުރަން މަސައްކަތްކުރާތީ. މިސާލަކަށް މަރަޑޯނާ ވެސް މަސައްކަތްކޮށްފި،" ބެކެންބާ ބުންޏެވެ.