ސާރާ އަލީ ހާނާއި ޖާންވީ ކަޕޫރަކީ ވާދަވެރިންތަ؟
ސާރާ އަލީ ހާނާއި ޖާންވީ ކަޕޫރަކީ ވާދަވެރިންތަ؟

މި އަހަރު ބޮލީވުޑަށް ތައާރަފުވާ ތަރިންގެ ތެރެއިން ގިނަ ބައެއްގެ ލޯ އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ޖާންވީ ކަޕޫރަށާއި ސާރާ އަލީ ހާނަށެވެ. މި ޒުވާން ދެ ބަތަލާއިންނަކީ ނުފޫޒު ގަދަ ފިލްމީ އާއިލާތަކަށް ނިސްބަތްވާ ދެ ތަރިންނެވެ.

އިންޑިއާގެ އެންމެ މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނު ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ، 21، ގެ ފުރަތަމަ ފިލްމު "ދަޅަކް" ހުކުރު ދުވަހު ސިނަމާތަކަށް އަންނާނެ އެވެ. ސައިފް އަލީ ހާނާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ، 24، ބޮލީވުޑަށް ތައާރަފުވާނީ ނޮވެމްބަރު 30 ގައި ރިލީޒް ކުރާ "ކެދަރްނާތު" އިންނެވެ.

އަދި ހަމަ އެއާ އެކު ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އިން ވެސް ސާރާ ފެނިގެން ދާނެ އެވެ.

ސާރާ އާއި ޖާންވީ ބޮޑު ސްކްރީނަށް ފުންމައިލަން ވަގުތު ކުޑަތަންވަމުން އަންނަ އިރު، އެންމެ ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ މިއެވެ؛ މި ދެ ތަރިންގެ މެދުގައި ވާދަވެރިކަން އޮންނާނެ ހެއްޔެވެ؟

އެ ސުވާލު މީޑިއާތަކުން ޖާންވީއާ ކުރުމުން އޭނާ ދިނީ ވެސް ވަރަށް ސާދާ ޖަވާބެކެވެ. ޖާންވީ ބުނި ގޮތުގައި ސާރާއަކީ ވަރަށް ރީތި އަދި އެހާމެ މޮޅު ބަތަލާއަކަށް ވާނެ އެވެ.

"އަހަރެން މި ހުންނަނީ އޯޑިއަންސެކޭ އެއްގޮތަށް ސާރާގެ ފިލްމް ބަލާލާ ހިތުނ މިހާރު ވެސް ކެތްމަދުވެފައި،" އަބަދު ވެސް ސާރާއާ ގާތް އެކުވެރި ކަމެއް އޮންނަ ޖާންވީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވާދަވެރިކަން އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެކަކު އަނެކަކަށް ހިތްވަރު ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ޔަގީން ސާރާވެގެން ދާނީ އެތައް ބައެއްގެ ލޯބި ހޯދާނެ ބަތަލާއަކަށް. އަހަރެން ގަބޫލު ކުރާ ގޮތުގައި ވާދަވެރިކަމާ އެކީގައި ވެސް އެކަކު އަނެކަކަށް ސަޕޯޓް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ." ޖާންވީ ބުންޏެވެ. "ސާރާއަކީ އަބަދު ވެސް އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް."

"ދަޅަކް" ސިނަމާތަކަށް އައުމުގެ މަގުމަތީގައި އޮތް އިރު، ޖާންވީ ހުރީ ބެލުންތެރިން އޭނާގެ މަންމަ އަށް ދިން ލޯބި ފުރަތަމަ ފިލްމާ އެކު ވެސް ކަމުގެ އުންމީދުގަ އެވެ.

"އޯޑިއަންސް ފިލްމަށް ރިއެކްޓް ކުރާނެ ގޮތެއް ބަލަން ކެތްމަދުވެފައި މި ހުންނަނީ. އަހަރެން ގަބޫލު ކުރަނީ ދަޅަކްގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނު ކަމަށް،" އިތުރު ފިލްމަކަށް އަދި ސޮއިކޮށްފައި ނުވާ ޖާންވީ ބުންޏެވެ.

"ދަޅަކް" އަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އަދި ސާރާގެ ދެވަނަ ފިލްމް "ސިމްބާ" އަކީ ކަރަންގެ ފިލްމެމެކެވެ.

ސާރާ ވެސް ކުރިން ބުނެފައިވާ ގޮތުގައި ބޮޑު ސްކްރީނުން ޖާންވީ ދެކިލަން އޭނާ ވެސް ވަރަށް ބޭނުންވެފަ އެވެ. އަދި ކާމިޔާބީ އަށް އެދޭ ކަމަށް ބުނެފައިވެ އެވެ.