ރޯމާގެ ކީޕަރު އެލިސަން އަށް ލިވަޕޫލުން ރެކޯޑް ބިޑެއް
ރޯމާގެ ކީޕަރު އެލިސަން އަށް ލިވަޕޫލުން ރެކޯޑް ބިޑެއް

ލިވަޕޫލް (ޖުލައި 18) - ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ގަތުމަށް ލިވަޕޫލުން ރެކޯޑް ބިޑެއް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ފުޓްބޯޅަ ތާރީހުގައި އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކުރި ގޯލްކީޕަރަކީ އިޓަލީގެ ޖިއަންލުއިޖީ ބުފޮން އެވެ. އޭނާ 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނުއިރު އެ ޓީމުން ވަނީ 61 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ޕާމާ އަށް ދައްކައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ބަލާއިރު ގޯލްކީޕަރުންގެ އެންމެ އަގުބޮޑު ޓްރާންްސްފާ އަކީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީއާ ގުޅުނު ބްރެޒިލްގެ ކީޕަރު އެޑަސަން މޮރާއެސްގެ ޓްރާންސްފާ އެވެ. ސިޓީން ވަނީ އެޑަސަންގެ ސޮއި ހޯދުމަށް 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ.

ލިވަޕޫލުން ބްރެޒިލްގެ އެެއް ވަނަ ކީޕަރު އެލިސަން ގަންނަން ކޮށްފައިވަނީ 81 މިލިއަން ޑޮލަރުގެ ބިޑެކެވެ. މި ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ގޮތުގައި ކްލަބް ބަދަލުކުރި ވާޖިލް ވެން ޑައިކް ހުރީ ވެސް ލިވަޕޫލްގަ އެވެ. މިދިޔަ ޖެނުއަރީ މަހު ލިވަޕޫލުން ވެން ޑައިކްގެ ސޮއި ހޯދަން 98 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ވަނީ ސައުތެމްޓަނަށް ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ލިވަޕޫލުން ވަނީ އެލިސަން އަށް ޝައުގުވެރިކަން ފާޅުކުރަން ފަށައިފަ އެވެ. އެލިސަން ގެނައުމުގެ މަސައްކަތް ވަރުގަދަ ކުރަން ލިވަޕޫލުން ނިންމީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓި ޖަރުމަނުގެ ކީޕަރު ލޮރިސް ކާރިއަސް އަށް ހެދުނު ބޮޑު ދެ ގޯހާ އެކު ލިވަޕޫލް ފައިނަލުން ބަލިވުމުންނެވެ.

ވޯލްޑް ކަޕްގެ ކުރިން އެލިސަން ގަންނަން ލިވަޕޫލުން މަސައްކަތް ކުރި ނަމަވެސް އޭރު އޭނާ ވިއްކާލަން ރޯމާ އިން ކީ އަގުބޮޑުވުމާއި ރެއާލް މެޑްރިޑުން ވެސް އެލިސަން ހޯދުމުގެ ރޭހަށް ވަނުމުން ލިވަޕޫލުން އޭރު ފަހަތަށް ޖެހުނެވެ. އެކަމަކު ޕްރީ ސީޒަނުގައި ވެސް ކާރިއަސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، ލިވަޕޫލުން މިހާރު ވަނީ އެލިސަން އަށް ރެކޯޑް ބިޑެއް ކޮށްފަ އެވެ.

ބްރެޒިލްގެ އިންޓަނާސިއަނަލް އިން 2016 ވަނަ އަހަރު ރޯމާއާ ގުޅުނު އުމުރުން 25 އަހަރުގެ ކީޕަރު ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ ބޯޅަތައް މަތަކުރުމުގެ އިތުރުން ބޯލް ސްކިލްސް ރަނގަޅު ކީޕަރެކެވެ. މިދިޔަ ސީޒަނުގައި މެޗެއްގައި އޭނާ ވަނީ ގޯލް ކިކަކުން، އެހެން ކުޅުންތެރިޔަކަށް ގޯލެއް ޖަހަން މަގުފަހިކޮށްދީފަ އެވެ.

ލިވަޕޫލްގެ އިތުރުން އެލިސަން ގަތުމުގެ ރޭހުގައި މި ވަގުތު އޮތީ ޗެލްސީ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މަސައްކަތް ކުރަނީ ރެއާލަށް ކޯޓުއާ ވިއްކާލުމަށް ފަހު އެލިސަން އަށް ބޮޑު ބިޑެއް ކުރާށެވެ. އެކަމަކު ރެއާލުގެ ވިސްނުން ހުރީ ކޯޓުއާގެ އިތުރުން އެޑެން ހަޒާޑް އެއް ޓްރާންސްފާއެއްގެ ގޮތުގައި ގެންނާށެވެ. އެ ދެ ކުޅުންތެރިންނަށް ރެއާލުން އޮތީ 209 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރަށް ކަމަށްވެ އެވެ.

ކޯޓުއާ ރެއާލަށް ބަދަލުވެ ޗެލްސީ އަށް އެލިސަން ވެސް ނުލިބިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޗެލްސީގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ކުރީގެ ކީޕަރު ޕެޓަ ޗެކް އަލުން ގެންނަން ޝައުގުވެރިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އާސެނަލަށް މި ވަގުތު ކުޅެމުން އަންނަ ޗެކަށް އެ ޓީމުގެ އެއް ވަނަ ކީޕަރުކަން ގެއްލުނީ ބަޔާ ލެވަކޫސަންގެ ކީޕަރު ބާންޑް ލެނޯ ގެނައުމުންނެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ބޭނުން ވަނީ އެމެރިކާ ޓުއާ އަށް ދިއުމުގެ ކުރިން އެލިސަން އާއި ލިޔޯނަށް ކުޅެމުން އަންނަ ނަބީލް ފެކީރްގެ ޓްރާންސްފާގެ ކަންތައް ނިންމާލުމަށެވެ. ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާރްބީ ލިޕްޒިގުގެ ނަބީ ކެއިޓާ އާއި މޮނާކޯގެ ފަބީނިއޯ އަދި ސްޓޯކް ސިޓީ އަށް ކުޅުނު ޒެރްޑަން ޝަގީރީ ގެނެސްފަ އެވެ.