ޒަމާނީ ޓެކްނޮލޮޖީއާއެކު ހުރިހާ ކަމެއް ވެސް ބަދަލުވަނީ އެވެ. މިހާރު އަސާސީ ބޭނުންތަކުގެ ތެރޭގައި އިންޓަނެޓާއި ސްމާޓްފޯނު ވެސް ހިމެނިއްޖެ އެވެ. އެ ހިސާބަކުން އަދި ނުނިމެ އެވެ.

މިހާރު ކުރިއަރަމުން އަންނަނީ އަތްނުލައި، އިނގިލި ވެސް ޖައްސާނުލައި، ދުލުން ދޭ އިރުޝާދުތަކެއްގެ އެހީގައި ހުރިހާ މުހުތާދުތަކެއް ފުއްދާލެވޭ ޓެކްނޮލޮޖީއެވެ. މިއަށް ކިޔަނީ ވޮއިސް އެސިސްޓަންޓުންނެވެ. މިއީ ޓެކްނޮލޮޖީގެ ގޮތުން ބަލާ ނަމަ އާޓިފިޝަލް އިންޓެލިޖެންސްގެ ގިންތިއަށް ފެތޭ ޒާތުގެ ޓެކްނޮލޮޖީއެކެވެ. ވޮއިސް އެސިސްޓަންޓުންގެ ގޮތުގައި އެމެޒޯންގެ އުފެއްދުންތަކުގައި ބޭނުންކުރަނީ އެލެކްސާއެވެ. އެޕަލްގައި ބޭނުންކުރަނީ ސިރީއެވެ. އަދި ގޫގްލްގައި އެއީ ގޫގްލް އެސިސްޓަންޓެވެ. ވޮއިސް މޯޖޯއަކީ މިހުރިހާ އެސިސްޓަންޓުންނާ ގުޅިގެން މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތެކެވެ.

އިނގިލިކުރިން ރީތިކޮށް ހިފާލެވޭ ގޮތަށް ދިގު އަކަ ބައްޓަމަށް ހަދާފައިވާ ވޮއިސްމޯޖޯ ބޭނުންކޮށްގެން ދުވަހުގެ މޫސުން ބަލައިލެވެއެވެ. ދަތުރަކު ދާ ނަމަ ދާ މަންޒިލްގެ ފިނިހޫނުމިން ހުރި މިންވަރެއް ވެސް ދުރާލާ ބަލައިލެވެއެވެ. ބޭނުން ނަމަ، ދައްކާ ވާހަކަ ތަރުޖަމާކޮށްދެއެވެ. ވޮއިސްމޯޖޯ 32 ބަސް ދަނެއެވެ. ތަރުޖަމާކުރަން ބޭނުންނަމަ ވޮއިސްމޯޖޯގެ މައިކަށް ބޭނުންވާ އިބާރާތެއް އިއްވާލުމުން، އިޚުތިޔާރުކޮށްފައިވާ ބަހުން އެ ލަފުޒެއް ތަރުޖަމާކޮށްދެއެވެ.

ވޮއިސްމޯޖޯއަކީ ހަމައެކަނި އިރުޝާދަށް ތަބާވެ އަޑު އިއްވުމާއި ހަރަކާތުން އިޖާބަދޭ އާލާތެއް ނޫނެވެ. މުހިއްމު ބައްދަލުވުމަކަށް މޮއިސްމޯޖޯ ގެންގޮސްގެން އެތަނުގައި ދެކެވޭ ވާހަކަ ސްކްރީނަށް ނަކަލުކުރުމުގެ ބާރުވެސް ވޮއިސްމޯޖޯގައި އެބަހުއްޓެވެ.