20 ޖުލައި 2018 - 07:23

ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމް ރިލީޒްވާން ގާތް ވަމުން އަންނަ ވަރަކަށް މީޑިއާތަކަށް އޭނާ ދޭ އިންޓަވިއުތައް ވެސް އިތުރުވެއްޖެ އެވެެ. އެގޮތުން އަންނަ ހުކުރު ދުވަހު "ދަޅަކް" ރިލީޒްވާ އިރު، ޖާންވީ ބުނި ގޮތުގައި އޭނާ އެކްޓިން އަށް ނުކުތުމަކީ މަންމަ ސްރީދޭވީ ބޭނުންވި ގޮތެއް ނޫނެވެ.
އެކަމަކު އެ ފިލްމްގެ ފުރަތަމަ 25 މިނިޓް ބަލައިފައި އޭނާ ދައްކައިފައި ހުރި ހުނަރަށް، ފެބްރުއަރީ މަހު މަރުވި ބަތަލާ ތައުރީފު ކުރި ކަމަށް ޖާންވީ ބުންޏެވެ.
ދި އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ޖާންވީ، 21، ބުނި ގޮތުގައި މަންމަ ބޭނުންވީ އޭނާ މެޑިސިން ކިޔަވައިގެން ޑޮކްޓަރަކަށް ވާށެވެ. އަދި އެ މަގުން އޭނާ ކުރިއަށް ދާން ވަރަށް ބާރު ވެސް އެޅި ކަމަށް ބުންޏެވެ.
އެކަމަކު އެއް އިރެއްގައި ވެސް އެއީ ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަށް ޖާންވީ ބުންޏެވެ.
"އަސްލު ވަރަށް އުނދަގުލުން މަންމަ އެއްބަސްކުރުވުނީ އަހަރެން އެކްޓިން ޕްރޮފެޝަން އަށް ދާން. އެކަމަށް އެންމެ ބޮޑަށް ބާރު އަޅައި ދިން މީހަކީ ބައްޕަ [ޕްރޮޑިއުސަރު ބޯނީ ކަޕޫރް]. އަހަރެން ބުނާނީ ބައްޕައަކީ ހަމަ ޓިޕިކަލް ކަޕޫރެކޭ،" އެމެރިކާގެ ލޮސް އެންޖެލިސްގެ ޔުނިވަސިޓީއަކުން އެކްޓިން ކިޔެވި ޖާންވީ ބުންޏެވެ. "ބައްޕަ ގަބޫލުކުރޭ އަބަދު ވެސް އަހަންނަކީ މި ދާއިރާ އިން ކުރިއަށް ދެވިދާނެ މީހެއްކަން."
އޭނާ ބުނި ގޮތުގައި އެންމެ ކުޑައިރުއްސުރެ ވެސް ވާން ބޭނުންވީ ބަތަލާއަކަށެވެ. އަދި އެއީ ކޮންމެހެން މަންމަ ފިލްމީ ތަރިއަކަށްވެގެން ނުކުންނަން ބޭނުންވި ދާއިރާއެއް ނޫން ކަމަށް ޖާންވީ ބުންޏެވެ.
"އެކްޓިން ނޫން ކެރިއަރަކާ ދޭތެރޭ އަހަރެން ދުވަހަކު ވެސް ނުވިސްނަން. އެހެންވެ ވަރަށް އުފާވާނެ މަންމަ ކަހަލަ ބަތަލާއަކަށް އަހަންނަށް ވެވިއްޖެ ނަމަ،" އޭނާ ބުންޏެވެ. "އުންމީދު ކުރަން މަންމަގެ ލެގަސީ އަހަންނަށް ދިރުވޭނެ ކަމަށް. އަދި އޯޑިއަންސް އަހަރެން ބަލައި ގަންނާނެ ކަމަށް."
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ "ދަޅަކް" ގައި ޖާންވީއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރް އެވެ.