ސަނީ އާއި އަމީޝާ އެކުގައި އަލުން ސްކްރީނަށް
ސަނީ އާއި އަމީޝާ އެކުގައި އަލުން ސްކްރީނަށް

"ގަދަރް: އޭކް ޕްރޭމް ކަތާ" އިން މަޝްހޫރުވި ޖޯޑު، ސަނީ ޑެއޯލް އާއި އަމީޝާ ޕަޓޭލް އެނބުރި ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ. މިފަހަރު މި ދެ ތަރިން ކުޅެނީ "ބައްޔާޖީ ސުޕަހިޓް" އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އަލުން ފިލްމު ކުޅެން ފެށި އަމީޝާ ބުނީ ޕްރީތީ ޒިންޓާ ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ "ގަދަރް"ގެ ސީކުއަލްއެއް ނުވަތަ ދެ ވަނަ ބައެއް ނޫން ކަމަށެވެ.

އަމީޝާ ބުނީ ދެ ވަނަ ފަހަރަށް ބޮލީވުޑަށް އެނބުރި އަންނަ ފިލްމަކީ ސަނީއާ އެކު ކުޅޭ ފިލްމަކަށް ވީތީ އުފާކުރާ ކަމަށެވެ. ނަމަވެސް މިއީ "ގަދަރް" އާ އެއްވެސް ވަރަކަށް ގުޅުން ހުރި ފިލްމެއް ނޫން ކަމަށް އަމީޝާ ތަކުރާރުކޮށް ބުންޏެވެ.

"ގަދަރް އަކީ ވަރަށް ސީރިއަސް ލޯބީގެ ވާހަކައެއް. މިއީ ކޮމެޑީ ފިލްމެއް. ގަދަރް ގައި ފެނުނު ތާރާ ސިންގް އާއި ސަކީނާގެ ޖޯޑު މިފަހަރު ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުން،" އަމީޝާ ބުންޏެވެ.

"ގަދަރް: އޭކް ޕްރޭމް ކަތާ" އަކީ 2001 ގައި ރިލީޒްކުރި އެކްޝަން ފިލްމެކެވެ. އިންޑިޔާ ޕާކިސްތާނު ވަކިކޮށްލި ދުވަސްވަރުގެ ލޯބިގެ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ މި ފިލްމް ވަނީ 18 ހަފުތާ ތެރޭ 60 ކްރޯޑު (600 މިލިއަން ރުޕިޒް) ހޯދައިގެން ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.