18 ޖުލައި 2018 - 07:23

މޫޑު ހަރާބުވެފައި ހުރުމަކީ މީހާ ކަންކަމަށް ފޯކަސް ކުރުވައިދީ، ކުރަން ޖެހިފައި ހުންނަ ކަންތައްތަކަށް ސަމާލުކަން ދެވޭ ކަހަލަ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕާސަނަލިޓީ އެންޑް އިންޑިވިޖުއަލް ޑިފެރެންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި މީހާގެ މޫޑަށް ބައެއް ހާލަތްތަކުގައި އަންނަ ނޭދެވޭ ބަދަލުތަކަކީ އެއިން ރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.
އެގޮތުން ވަކި ގަޑިއަކަަށް ކުރަން ޖެހިފައި އޮތް ކަމެއް ކުރަން އިސްކަން ދިނުމާއި ކުރާ ކަމަކާ ވެގެން އެކަމެއް ކުރަން، މޫޑު ހަރާބުވުމުން ބާރު އަޅައިދޭ ކަމަށް ބުނެފައިވެ އެވެ.
ކެނެޑާގެ ވޯޓަލޫ ޔުނިވަސިޓީގެ ޕްރޮފެސަރު ޓާރާ މެކްއޯލީ ވިދާޅުވި ގޮތުގައި މޫޑު ހަރާބުވާ ބައެއް ހާލަތްތަކުގައި ބައެއް މީހުންގެ ވިސްނުމުގެ ބާރު ވެސް ގަދަކޮށްދެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އާންމުކޮށް ދިމާވަނީ ތަންކޮޅެއް ބޮޑަށް ހަރަކާތްތެރިކޮށް އުޅޭ މީހުންނަށެވެ.
"އެކި މީހުންގެ އިމޯޝަނަލް ރިއެކްޓިވިޓީ ތަފާތު ވާނެ. އަހަރެމެންނަށް ބޮޑަށް ދިރާސާގައި ފާހަގަ ކުރެވުނީ ތަންކޮޅެއް ހަލަބޮލިކޮށް އުޅޭ މީހުންގެ މޫޑް ގޯސްވާ ދަނޑިވަޅުތަކުގައި ވެސް އެ މީހުންގެ ފޯކަސް ނުގެއްލޭކަން،" ޓާރާ ވިދާޅުވި އެވެ.
ގިނަ މީހުންނަކީ އާންމުކޮށް މޫޑު ގޯސްވެއްޖެ ނަމަ ކުރާ ކަމަކަށް އޮންނަ ޝައުގުވެރިކަން ގެއްލި، މީހާ މުޅިން އެހެން މިސްރާބަކަށް ބަދަލުކޮށްލާ ކަމެކެވެ.
"އެންމެ މުހިއްމު އެއް ކަމަކީ ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުން. އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ވެސް ތަފާތު އެކި ކަންކަމާ ކުރިމަތިލާން ޖެހޭނެ ދުވަހެއް. އެހެންވެ މުހިއްމު ކަމަކީ ނެގަޓިވް ޕޮޒިޓިވްއަކަށް ބަދަލު ކުރުން،" ޓާރާ ވިދާޅުވި އެވެ. "ވީހާ ވެސް ބޮޑަށް އުފާވާ ކަހަލަ ގޮތަކަށް ވިސްނުން ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެއް."