17 ޖުލައި 2018 - 20:47

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރައްޔިތުންގެ ވޯޓަކުން ކާމިޔާބު ހޯއްދަވަން ނޫން ކަމަށާއި ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާތަން ފެންނަނީ ވޯޓު އޮޅުވާލުން ފަދަ ކަންކަމުގެ ތެރެއިން ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތުހުމަތުކުރައްވައިފި އެވެ.
އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ގެއްލުންވާނެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނެ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން މި އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަކަށް. އިލެކްޝަން ކޮމިޝަން އެކުލެވިފައި އޮތް ގޮތަށް އެބަޖެހޭ އިސްލާހު ގެންނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ތުހުމަތުކުރެއްވި ގޮތުގައި އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ރައީސް ޔާމީން މަސައްކަތް ކުރައްވަ އެވެ.
"ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރަން އެ ވިސްނަވަނީކީއެއް ރައްޔިތުންގެ ވޯޓަކުން ނޫން. ވޯޓު އޮޅުވާލުމާއި އެކަހަލަ ކަންތައްތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މި އިންތިހާބު ގަބޫލު ކުރެވޭ އިންތިހާބަކަށް ހެދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ދައުރު ވަރަށް މުހިންމު ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަމައެއާއެކުގައި އަދިވެސް ތަކުރާރުކޮށް މި ދަންނަވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މި އިންތިހާބު ހެދުމަށް ޕާޓީގެ ލީޑަރުން ހިދުމަތްކޮށްދެއްވާށޭ. އެހެންނޫނީ އަޅުގަނޑުމެން ގަބޫލުކުރާ އިންތިހާބަކަށް މި އިންތިހާބުވެގެން ނުދާނެ،" އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރިސޯޓުތަކުގައި ބަހައްޓާ ފޮށީގެ އަދަދު 87 ޕަސެންޓް މަދު ކުރުމާއި ޖިސްމާނީ ގޮތުން ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އެހީތެރިވެދިނުމަށް ކޮމިޝަނުގެ މުވައްޒަފުން ހަމަޖެއްސުމަކީ ވޯޓަށް ނުފޫޒު ފޯރުވައި އެމްޑީޕީ އަދި އިސްލާހީ މަސައްކަތައް ތާއީދު ކުރާ މީހުންގެ ވޯޓުތައް މަދު ކުރުމަށް ހަމަޖެއްސި ގޮތެއް ކަމަށެވެ.
"17،000 ނުވަތަ 18،000 މީހުން އެބަ އުޅޭ ރިސޯޓުތަކުގައި. މީގެ ތެރެއިން ގިނަ މީހުންނަކީ އެމްޑީޕީއަށް ނޫން ނަމަ މި އިސްލާހީ މަސައްކަތަށް ތާއީދުކުރާ މީހުން. މިދިޔަ އިންތިހާބުތަކަށް ބަލާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 80 ޕަސެންޓަކީ އިސްލާހީ މަސައްކަތަށް، އަޅުގަނޑުމެންނަށް ތާއީދުކުރާ މީހުން. އެހެންވީމާ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަކީ އަޅުގަނޑުމެންނަށް ލިބޭނެ އެތައް ވޯޓެއް އުނިވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހަމަޖެހިފައި އޮތް އުސޫލަކީ އޭނާއަށް އެހީތެރިކަން މި ލިބެނީ އިލެކްޝަންސްގެ އޮފިޝަލަކު އަންގާ ގޮތެއްގެ މަތިން އެ އޮފިޝަލަކު އަންގާ މީހެއް މެދުވެރިކޮށް މި ވޯޓުލާންޖެހެނީ. މިއީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަމެއް މި ކުރަމުންދަނީ."
އުފަންވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރީރެޖިސްޓްރީވުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން ވޯޓުގެ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ބައެއް ރަށްރަށުގައި 64 ޕަސެންޓް އެބައުޅޭ ރަށުން ބޭރުގައި. އައްޑޫ ސިޓީއަށް ބަލާއިރު އައްޑޫ އަތޮޅުގެ 40 ޕަސެންޓަކީ ސިޓީއިން ބޭރުގައި އުޅޭ މީހުން. މިއީ ރީރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް. އެގޮތަށް ކިތަންމެ ރަށްތަކެއް، އަތޮޅުތަކެއް އެބަހުރި،" އިބޫ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ބަހައްޓަން ހަމަޖެހިފައި ވަނީ 452 ވޯޓު ފޮއްޓެވެ.