ނަވާޒް ޝަރީފުގެ ޕާޓީގެ ލީޑަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ
ނަވާޒް ޝަރީފުގެ ޕާޓީގެ ލީޑަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ

އިސްލާމްއާބާދު (ޖުލައި 17) - ޖަލުގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕާޓީގެ އިސް ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އާއްމު އިންތިޚާބު ބާއްވަން ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ބައެއް ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ ހުކުރު ދުވަހު ނަވާޒް ޝަރީފް ގައުމަށް ވަޑައިގެންނެވި އިރު އިހުތިޖާޖުގެ ހިނގާލުމަކަށް ނުކުމެފައިވާތީ އެވެ. އެ ހިނގާލުން ބާއްވާފައި ވަނީ އެއްވެސް އެއްވުމެއް ބޭއްވުން މަނާކޮށްފައި ވަނިކޮށެވެ. ޕީއެމްއެލް-އެން އިން ދައުވާ ކުރާ ފަރާތްތަކުގެ ތެރޭގައި ޕާޓީގެ ލީޑަރު އަދި ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފް ހިމެނެ އެވެ.

"ޕީއެމްއެލް-އެންގެ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުން މިދަނީ. އެކަމަކު އިންތިޚާބުގެ ކުރިން އެކަކު ވެސް ހައްޔެއް ނުކުރާނެ،" ޕަންޖާބުގެ ވަގުތީ ހޯމް މިނިސްޓަރު ޝައުކަތު ޖާވަދު ވިދާޅުވި އެވެ.

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ލާހޯރަށް ހުކުރު ދުވަހު ވަޑައިގެންނެވިއިރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެއްވުން މަނާކޮށްފައި އޮތް ނަމަވެސް ޕީއެމްއެލް-އެންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ. އެއްވުމުގައި އިސްކޮށް ހުންނެވީ ޝަހުބާޒެވެ. ޕީއެމްއެލް-އެން އިން ބުނީ އެއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ތާއީދު އޮތީ އެ ޕާޓީއަށް ކަން ދެއްކުން ކަމަށެވެ.

ޖުލައި 25 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ޕީއެމްއެލް-އެން އާއި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ޖަސްޓިސް މޫވްމަންޓް (ޕީޓީއައި) ކަމަށް ބެލެވެ އެވެ.

ނަވާޒް ޝަރީފް ލާހޯރަށް ވަޑައިގަތުމާ އެކު ވަނީ ޖަލަށް ގެންގޮސްފަ އެވެ. ކޮރަޕްޝަނުގެ ކުށުގައި އެމަނިކުފާން ވަނީ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.