02 އޯގަސްޓް 2016 - 06:38

އެޕަލްގެ ސޮފްޓްވެއާ ސްޕެޝަލިސްޓަކު ބުނަނީ އެޕްލިކޭޝަންތަކުން މެސެޖު ފޮނުވި މީހާ އާއި އެ މެސެޖު ލިބުނު މީހާގެ ފޯނުގައި ވެސް ދާއިމަށް އެ މެސެޖު އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުން މެސެޖު ޑިލީޓްކޮށްލި ނަމަވެސް އެއީ އެ މެސެޖު ފޮރުވޭނެ ގޮތެއް ނޫނެވެ.
ވަޓްސްއެޕާއި ވައިބަ ފަދަ އެޕްލިކޭޝަންތަކުގެ މުއާސަލާތު މިހާރު ވަނީ އެންކްރިޕްޓްކޮށްފަ އެވެ. އެހެންވެ އެ މުއާސަލާތު އިންޓަސެޕްޓްކުރާ ތިން ވަނަ ފަރާތަކަށް އެ މުއާސަލާތުގައި ދެކެވޭ ވާހަކައެއް ނޭނގޭނެ އެވެ. ސޮފްޓްވެއާ ސްޕެޝަލިސްޓް ޖޮނަތަން ޒިއާސްކީ ބުނަނީ އެޕަލްގެ އައިއޯއެސްގައި ވަޓްސްއެޕްގެ މެސެޖުތައް ރައްކާކުރެވިފައި ހުންނަ ކަމަށެވެ.
އޭނާ ބުނަނީ އެޕަލްގެ ޑިވައިސްތަކުގައި މައުލޫމާތު ރައްކާކުރަނީ ލެޕްޓޮޕެއްގެ ހާޑް ޑްރައިވްގައި ރައްކާކުރެވޭ ކަހަލަ ގޮތަކަށް ކަމަށެވެ. މާނަ އަކީ ފޯނަށް އަންނަ މެސެޖު ޑިލީޓްކޮށްލި ނަމަވެސް ފޯނުގެ ސްޓޮރޭޖުގައި އެ މެސެޖު "އޯވަރައިޓް" ނުވެ އޮތުމެވެ. އެހެންވެ އެއީ ރިކަވަކުރެވިދާނެ އެއްޗެކެވެ.
"އައިކްލައުޑުން އައިފޯންގެ ބެކަޕް ހަދާ ކޮންމެ ފަހަރަކު އޭގައި ހުންނަ މައުލޫމާތު ކޮޕީވަނީ ކުރިއަށްވުރެ ރައްކާތެރިކަން ކުޑަ ގޮތަކަށް،" ޖޮނަތަން ބުނެފައިވެ އެވެ.
އެހެންވެ، ފޮނުވާ މެސެޖު ތިން ވަނަ ފަރާތަކަށް ނޭނގުނު ކަމުގައި ވިޔަސް އެ ފޮނުވި އަދި ލިބުނު ޑިވައިސްގައި ރައްކާކުރެވިފައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖޮނަތަން ބުނަނީ ފޮނުވާ މެސެޖުތައް އެހެން މީހަކަށް ނުފެންނާނެ ގޮތް ހެދުމަށް އެންމެ ރަނގަޅު ގޮތަކީ އެ މެސެޖެއް ފޮނުވި އެޕްލިކޭޝަން ޑިލީޓްކޮށްލުމުން ކަމަށެވެ. އެކަމަކު އެ ހާލަތުގައި ވެސް ފުލުހުންނަށް އެ ހޯދިދާނެ އެވެ. ޑިލީޓް ބަޓަނަކީ ހައްލެއް ނޫނެވެ.