18 ޖުލައި 2018 - 07:27

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ބައިވެރިން އިއުލާންކޮށް، މީގެ ޝޫޓިން އާޖެންޓީނާގައި ފަށައިފި އެވެ.
މި ފަހަރު ވެސް ޝޯގެ ހޯސްޓަކީ މަޝްހޫރު ޑައިރެޓަރު ރޯހިތު ޝެޓީ އެވެ. "ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" އިން އިންޑިއާ ވާޝަނެވެ.
މި ޝޯގެ ނުވަ ވަނަ ސީޒަނުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ހިމެނެނީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ކުރީގެ ބަތަލާ ޝަމީތާ ޝެޓީ، މަޝްހޫރި ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ، ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން، ކޮރިއޯގްރާފަރު އަދި އެކްޓަރު ޕުނިތު ޕަތަކް، "ބިގް ބޮސް 11" ގައި ވާދަކުރި ވިކާސް ގުޕްތާ، ބަންދަގީ ކަރްލާ، ޓީވީ އެކްޓަރު އަލީ ގޯނީ، ޓީވީ ބަތަލާ އަދި ހޯސްޓް ރިދިމާ ޕަންޑިތު، ޓީވީ އެކްޓަރު ޒައިން އިމާމް، ޓީވީ ބަތަލާ އަވިކާ ގޯރް އަދި ޓީވީ ބަތަލާ ޖޭސްމިން ބާސިން އެވެ.
އާޖެންޓީނާގައި "ހަތުރޯން ކޭ ކިލާޅީ 9" މިހާރު ޝޫޓް ކުރަމުން އަންނަ އިރު، އެ ގައުމުގައި ބައިވެރިން 35 ހޭދަ ކުރާނެ އެވެ. އަދި ޝޯގެ ތެރޭގައި ތަފާތު 62 ސްޓަންޓެއް ހަދާނެ އެވެ.
ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓް ކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 8 ވަނަ ސީޒަން މިދިޔަ އަހަރު ކާމިޔާބު ކުރީ ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އެވެ. އެ ޝޯ ޝޫޓް ކުރީ ސްޕެއިންގަ އެވެ.
"ހަތުރޯން ކޭ ކިލާޅީ 9" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން ޝޯ އަންނަ މަހު ރަސްމީކޮށް ލޯންޗްކޮށް، ޓްރެއިލާ ގެނެސް ދޭނެ އެވެ.
ރޯހިތުގެ ފިލްމެއް ވެސް މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް އަންނާނެ އެވެ. އެއީ ރަންވީރް ސިންގް އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅެ، ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ.
"ހަތުރޯން ކޭ ކިލާޅީ" ހޯސްޓްކޮށްފައިވާ ފަންނާނުންގެ ތެރޭގައި އަކްޝޭ ކުމާރް، ޕްރިޔަންކާ ޗޯޕްޅާ އަދި އަރްޖުން ކަޕޫރް ހިމެނެ އެވެ.
މި ފަހަރުގެ ސީޒަނަކީ ރޯހިތު ހޯސްޓްކޮށް ދޭ ހަތަރު ވަނަ ސީޒަނެވެ.