ތާލިބާނުން އާ ލީޑަރަކު ހަމަޖައްސައިފި
ތާލިބާނުން އާ ލީޑަރަކު ހަމަޖައްސައިފި

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ތާލިބާނުންގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު މަރާލާފައިވާތީ އޭނާގެ ބަދަލުގައި އާ ލީޑަރަކު މިއަދު ހަމަޖައްސައިފި އެވެ.

ތާލިބާނުން ނެރުނު ބަޔާނެއްގައި އެ މީހުން ފުރަތަމަ ފަހަރަށް ވަނީ މުއްލާ މަންސޫރު މަރުވިކަން ޔަގީންކޮށްދީފަ އެވެ. އޭނާގެ ބަދަލުގައި ތާލިބާނުންގެ އާ ލީޑަރަކަށް ހަމަޖައްސާފައި ވަނީ މައުލާވީ ހައިބަތުﷲ އަޚުންޒާދާ އެވެ. އޭނާ އަކީ ކުރިން ތާލިބާން ޖަމާއަތުގެ ޑިޕިއުޓީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

މުއްލާ މަންސޫރު މަރާލުމަށް އެމެރިކާ އިން މިދިޔަ ހޮނިހިރު ދުވަހު ޑްރޯން ހަމަލާދީފައި ވަނީ ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ކާރުގައި އޭނާ ދަތުރުކޮށްފައި ދަނިކޮށެވެ. ތާލިބާނުންގެ ޒައާމަތާ މަންސޫރު ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު 15 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު މަރުވުމާ ގުޅިގެންނެވެ.

ތާލިބާން ޖަމާއަތުގެ ޑިޕިއުޓީ ލީޑަރެއްގެ ގޮތުގައި މިއަދު ވަނީ މުއްލާ އުމަރުގެ ދަރި މުއްލާ މުހައްމަދު ޔައުގޫބު ހަމަޖައްސައިފަ އެވެ. އޭނާގެ އިތުރުން އެ ޖަމާއަތުގެ ޑިޕިއުޓީ ލީޑަރުގެ ގޮތުގައި ހުންނަނީ ސިރާޖުއްދީން ހައްގާނީ އެވެ. ހައްގާނީގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.