18 ޖުލައި 2018 - 07:26

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ ފެންޓަސީ/އެޑްވެންޗަ ލޯބީގެ ފިލްމް "ބުރައްމަސްތުރާ" ގެ ރޯލަކަށް ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ސޮއިކޮށްފި އެވެ.
މިހާރު ބަލްގޭރިއާގައި ދެވަނަ ޝޫޓިން ޝެޑިއުލް ކުރިއަށްދާ ފިލްމްގެ ކާސްޓާ، ސައުތު ފިލްމް އިންޑަސްޓްރީގެ ސުޕަސްޓާ ނާގުރްޖުނާ އަކިނޭނީ ވެސް ވަނީ ގުޅިފަ އެވެ.
އާލިއާ ބަޓާއި ރަންބީރު ކަޕޫރް އަދި އަމީތާބް ބައްޗަން އާއި ޓީވީ ބަތަލާ މޯނީ ރޯއި ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ "ބުރައްމަސްތުރާ" ގެ ރޯލަކަށް ޑިމްޕަލް ސޮއި ކުރިކަން ކަރަން އާއި އަޔާން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު މުމްބާއީ މިރާ އިން ބުނި ގޮތުގައި ޑިމްޕަލް ފިލްމްގައި ފެނިގެން ދާނީ ނާގުރްޖުނާއާ އެކުގަ އެވެ. އަދި ބަލްގޭރިއާގައި ތިބި ކާސްޓާއި ކްރޫއާ އޭނާ ވަރަށް އަވަހަށް ގުޅޭނެ އެވެ.
ކަރަންގެ ގާތް އެކުވެރިޔާ ޓްވިންކަލް ކަންނާގެ މަންމަ އަދި އަކްޝޭ ކުމާރްގެ މައިދައިތަ ޑިމްޕަލް، 61، އެންމެ ފަހުން ފެނިފައި ވަނީ 2015 ގައި ރިލީޒް ކުރި "ވެލްކަމް ބެކް" އިންނެވެ.
ތިން ބަޔަކަށް ބަހާލައިގެން ގެނެސްދޭ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ. ކަރަން އާއި އަޔާން ނިންމާފައި ވަނީ ފިލްމްގެ މުޅި ވާހަކަ 8 އަހަރު ދުވަހުގެ ތެރޭގައި ކިޔައި ދީ ނިންމައިލާށެވެ.
"ބުރައްމަސްތުރާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ބަލްގޭރިއާގައި ނިންމައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އަޔާން އެންމެ ފަހުން ޑައިރެކްޓް ކުރީ ރަންބީރާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު 2013 ގެ އަސަރު ގަދަ ލޯބީގެ ފިލްމް "ޔެ ޖަވާނީ ހޭ ދީވާނީ" އެވެ.
އެއީ ބޮކްސް އޮފީހުގައި ވަރަށް ހިނގި އަދި ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ބޮކްސް އޮފީހުގައި 318 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.